މިދިޔަ މަހުގެ ތެރޭގައި ސެނެގާލްގެ ގާނޫނު ހަދާ މަޖިލީހުގައި ބަހުސެއް ހޫނުވެ، ހިންގި މާރާމާރީއަކާ ގުޅިގެން ދެ މެމްބަރަކު ޖޫރިމަނާކޮށް، ހަ މަހަށް ޖަލަށް ލާން ހުކުމްކޮށް އެވެ.
މީޑިއާތަކުން ބުނީ މަމާޑޯ ނިއަންގް އާއި މަސާޓާ ސަމްޕް ހަ މަހަށް ޖަލަށް ހުކުމްކޮށް، ޖޫރިމަނާކުރީ 5 މިލިއަން ސީއެފްއޭ ފްރާންކް (8،100 ޑޮލަރު) އިން ކަމަށެވެ.
މިދިޔަ މަހުގެ ކުރީކޮޅު ގާނޫނު ހަދާ މަޖިލީހުގައި ބަޖެޓްގެ ބަހުސް ކުރިއަށް ދަނިކޮށް އިދިކޮޅު މެމްބަރަކަށް އިޝާރާތްކުރައްވައި ސަރުކާރަށް ތާއީދުކުރައްވާ އަންހެން މެމްބަރެއް ކަމަށްވާ އެމީ އެންޑިޔާއީ، ސަރުކާރަށް މެމްބަރުން ފުރައްސާރަކުރައްވާ ކަމަށް ވިދާޅުވުމާ ގުޅިގެން މާރާމާރީ ހިންގާފައިވެ އެވެ.

އެގޮތުން ގަދަ އަށް ޒުވާބުކުރައްވައި، އެމީގެ ގައިގައި ދެ ފިރިހެން މެމްބަރުން އެމީއާ މާރާމާރީ ހިންގަވާފައި އެވެ. އަދި އޭގެ ތެރެއިން އެއް މެމްބަރަކު ފައިން ސެރީން ޖެއްސެވުމުން ގޮނޑިއެއް ހޫރައިލާ ތަނާއި މި ކޯޅުންގަނޑުގެ ތެރޭގައި މެމްބަރަކު ބިންމައްޗަށް ވެއްޓި މަޖިލީހުންގެ ތަޅުން ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ ތަން އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ.
ފިރިހެން ދެ މެމްބަރަކު އެމީއާ މާރާމާރީ ހިންގެވި އިރު އޭނަ އިންނެނީ ބަލިވެ އެވެ. މާރާމާރީއާ ގުޅިގެން އެމީ އަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ވެސް ދިނެވެ.
މާރާމާރީ ހިންގެވި މެމްބަރުން މިހާރު ޖަލު ހުކުމް ތަންފީޒިކުރައްވަން ފައްޓަވާފައިވާ އިރު، އެ މީހުންގެ ހުކުމް އިސްތިއުނާފު ކުރަން ވަނީ ނިންމައިފަ އެވެ.