Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

"ރަން ތާޖު" ގެ އޮޑިޝަން އައްޑޫން

"ރަން ތާޖު" ލޯންޗްކުރަން އިއްޔެ ބޭއްވި ހަފުލާގެ ތެރެއިން.

އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ރާއްޖެ ޓީވީން ކުރިއަށް އޮތް ރޯދަ މަހު ގެނެސްދޭން ހަމަޖެހިފައިވާ "ރަން ތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަން އައްޑޫން ފަށަން ނިންމައިފި އެވެ.

މުބާރާތުގެ އޮޑިޝަން ތާވަލުފައިވާ ގޮތުން ފުރަތަމަ އޮޑިޝަން ބާއްވާނީ މި މަހުގެ 15 ގައި ހިތަދޫގަ އެވެ. "ރަން ތާޖު" މުބާރާތުގެ އޮޑިޝަން 10 ސަރަހައްދެއްގައި ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި އޮޑިޝަނުން މުބާރާތަށް ހޮވާނީ 20 ބައިވެރިންނެވެ.

އޮޑިޝަން ކުރިއަށް ގެންދާނެ ގޮތުގެ ތާވަލު:

* ޖެނުއަރީ 15 ގައި އައްޑޫގައި
* ޖެނުއަރީ 17 ގައި ފުވައްމުލަކުގައި
* ޖެނުއަރީ 20 ގައި ގދ. ތިނަދޫގައި
* ޖެނުއަރީ 24 ގައި ލ. ގަމުގައި
* ޖެނުއަރީ 31 ގައި ދ. ކުޑަހުވަދޫގައި
* ފެބްރުއަރީ 3 ގައި ބ. އޭދަފުށީގައި
* ފެބްރުއަރީ 7 ގައި އއ. ރަސްދޫގައި
* ފެބްރުއަރީ 10 ގައި ށ. ފުނަދޫގައި
* ފެބްރުއަރީ 9 ކުޅުދުއްފުށީގައި
* ފެބްރުއަރީ 15 ގައި މާލޭގައި

"ރަން ތާޖު" މުބާރާތް ހާއްސަކޮށްފައި ވަނީ އުމުރުން 16-45 އަހަރާ ދެމެދުގެ މީހުންނަށެވެ. މުބާރާތް ކުރިއަށް ގެންދާނީ ދެ ކެޓަގަރީއަކަށެވެ. އެއީ ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމެވެ.

މި މުބާރާތުގައި ޕީއެސްއެމުން ގެނެސްދީފައިވާ "އެންމެ އަލިގަދަ ތަރި" ފަދަ ޤުރުއާން މުބާރާތްކުން އެއްވަނަ ހޯދާފައިވާ މީހުންނަށް ބައިވެރިއެއް ނުވެވޭނެ އެވެ.

މުބާރާތުގައި ބައިވެރިވާ މީހުންނަށް މިހާރު އޮތީ އެސްއެމްއެސް ފޮނުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މެސެޖް ކުރަން ޖެހޭ ގޮތަކީ އާރްޓީ ސްޕޭސް ޖެހުމަށް ފަހު ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު ޖަހާފައި 450 އަށް ފޮނުވާނީ އެވެ. އޮޑިޝަނަން ނަން ފޮނުވޭނީ މި މަހުގެ 10 އާ ހަމައަށެވެ.

"ރަން ތާޖު" މުބާރާތަށް 300،000ރ. ހުށަހަޅާފައިވެ އެވެ.