Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ތާރާ އާއި އާދާރު ރުޅިވެއްޖެ؟

ބޮލީވުޑްގެ ޒުވާން ލޯބިވެރިން ކަމަށްވާ ތާރާ ސުތާރިއާ އާއި އާދާރު ޖެއިން ރުޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ދެ މީހުން ރައްޓެހިވެގެން އުޅޭ ވާހަކަ ދެކެވެނީ 2019 އިން ފެށިގެންނެވެ. އެގޮތުން ތާރާ، 27، އާއި އާދާރު، 28، ކައިވެނިކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް ކުރިން ވަރަށް ގަދައަށް އަރާފައިވެ އެވެ. މިހާތަނަށް ދެ ފިލްމެއް ކުޅުނު އާދާރު އަކީ މަޝްހޫރު ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ކަރީނާ ކަޕޫރްގެ ކަޒިންއެކެވެ.

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ތާރާ އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2019 ގައި ގެނެސްދިން "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް ބަތަކާއެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގައި ޖުލައިގައި ރިލީޒްކުރި "އޭކް ވިލަން ރިޓާންސް" އެވެ.

އެކީގައި އެކި ފަހަރު މަތިން ރާއްޖޭގައި ވެސް ޗުއްޓީ ހޭދަކޮށްފައިވާ ތާރާ އާއި އާދާރު ރުޅިވި ވާހަކަ މިހާރު ވަރަށް ހޫނުކޮށް ދެކެވެމުން ދިޔަ ނަމަވެސް އެކަމާ ބެހޭ ގޮތުން އެ މީހުން ވަކި އެއްޗެއް ނުބުނެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ދެ މީހުން ރުޅިވީ އަމިއްލަ އަށް އެއްބަސްވެގެންނެވެ. އެކަމަކު އެއީ ކީއްވެގެން ކަމެއް ސާފެއް ނޫން ކަމަށް މީޑިއާތަކުން ބުނެ އެވެ.

އާދަރު ކުޅުނު ދެ ފިލްމަކީ މިދިޔަ އަހަރުގެ "ހެލޯ ޗާލީ" އާއި 2017 ގެ "ގައިދީ ބޭންޑް" އެވެ.