ބަތަލާ ސޯނަމް ކަޕޫރް މަސައްކަތް ނިންމާފައި އޮތަސް އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާން ނުކުރާ ފިލްމު "ބްލައިން" ޒީ5 އިން ޕްރީމިއާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ 2020 ގައި ސްކޮޓްލޭންޑްގައި ޝޫޓްކުރި ފިލްމު ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި އެ، ނެޓްފްލިކްސް އަށް ސްޓްރީމިން ރައިޓްސް ވިއްކަން ފިލްމުގެ ޓީމުން މަސައްކަތްކުރި އެވެ. އެކަމަކު ދެ ފަރާތަށް އެއްބަަސްވުމަކަށް ނާދެވުމުން، މިހާރު ޒީ5 އާ އެކީ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބުންޏެވެ.
އެކަމަކު މިކަން އަދި ރަސްމީކޮށް "ބްލައިންޑް" ގެ ޓީމާއި ޒީ5 އިން އިއުލާނެއް ނުކުރެ އެވެ.
"ބްލައިން" އަކީ ހަމަ އެ ނަމުގައި ގެނެސްދީފައިވާ ކޮރެއާގެ 2011 ގެ ކްރައިމް ތުރިލާގެ ރިމޭކެކެވެ. ޑައިރެކްޓަރު ސުޖޯއި ގޯޝް ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ޝޯމް މަކީޖާ އެވެ. "ބްލައިންޑް" ގެ ކާސްޓްގައި ޕޫރަބް ކޯލީ އާއި ލިލީތާ ޑޫބޭގެ އިތުރުން ވިނޭ ޕަތަކް ހިމެނެ އެވެ.
މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ދަރިފުޅު ސޯނަމްގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ދަ ޒޯޔާ ފެކްޓާ" އެވެ.