Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

އޯގާ އާޓް ރިސޯޓް ރަސްމީކޮށް ހުޅުވައިފި

ތަފާތު ކޮންސެޕްޓަކަށް ތަރައްގީކޮށްފައިވާ އަދި ޓޫރިސްޓުންނަށް ތަފާތު ހިދުމަތްތަކާއި ތަފާތު ތަޖުރިބާކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ އޯގާ އާޓް ރިސޯޓް ރަސްމީކޮށް ހުޅުވައިފި އެވެ.

މިއީ އާ އަހަރު ފެށުނު ފަހުން ރާއްޖޭގައި ރަސްމީކޮށް ހުޅުވި ފުރަތަމަ ރިސޯޓެވެ.

އޯގާ އާޓް ރިސޯޓަކީ މާލޭގެ އުތުރުން ތަރައްގީކޮށްފައިވާ އަދި ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ލޯންޗްގައި 45 މިނިޓުން ދެވޭހާ ހިސާބުގައި އޮތް ރިސޯޓެވެ. ކުޑަ ރިސޯޓެއްގެ ގޮތުގައި ފާހަގަކުރެވޭ އޯގާގައި ހުންނަނީ 60 ވިލާ އެވެ. އެއީ ބީޗް އަދި ވޯޓާ ވިލާ އެވެ. މީގެ އިތުރުން ރިސޯޓްގައި ތަފާތު ސަރަހައްދުގެ ކެއުންތައް ލިބޭ ހަތަރު ރެސްޓޯރަންޓް ހުރެ އެވެ.

މި ރިސޯޓްގެ ހާއްސަ ކަންކަމުގެ ތެރޭގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އާޓިސްޓުންނާއި މަސައްކަތްތެރިންގެ ތަޖުރިބާ ހިއްސާކޮށްލެވޭނެ ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދޭނެ ރިސޯޓް ފަރުމާކޮށްފައިވުން ހިމެނެ އެވެ. އަދި ވަކިން ހާއްސަކޮށް ދިވެހި ސަގާފީ ކަންކަމަށް އިސްކަން ދީފައިވެ އެވެ.

ރާއްޖެ އަކީ ދުނިޔޭގެ ޓޫރިޒަމްގައި އެންމެ ފާހަގަކޮށްލެވޭ އަދި މަޝްހޫރު އެތައް ބްރޭންޑެއްގެ ރިސޯޓްތައް ހިންގަމުން އަންނަ ގައުމެކެވެ. މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ވެސް ފުރިފައިވާ އިރު، މިދިޔަަ އަހަރު 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކުރި އެވެ.