އަމީތާބް ބައްޗަން ނުފޫޒު ގަދަ ސިޔާސީ ލީޑަރެއްގެ ރޯލު ކުޅެމުން އަންނަ "ސަރުކާރު" ފްރެންޗައިޒްގެ ހަތަރު ބައެއް ވެސް ހަދަން ނިންމައިފި އެވެ.
މިކަން ފިލްމުގެ ޕްރޮޑިއުސަރު އާނަންދު ޕަންޑިތު ވަނީ ކަށަވަރު ވެސް ކޮށް ދީފަ އެވެ. އެކަމަކު "ސަރުކާރު 4" އާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. "ސަރުކާރު" ގެ ތިން ފިލްމު ޑައިރެކްޓްކުރީ ރާމް ގޯޕާލް ވަރުމާ (އާރްޖީވީ) އެވެ. މީފެ ފުރަތަމަ ބައި ގެނެސްދިނީ 2005 ގަ އެވެ. އަދި ދެވަނަ ބައި ގެނެސްދިނީ 2008 ގަ އެވެ. އޭގެ ފަހުން ތިން ވަނަ ބައި ރިލީޒްކުރީ 2017 ގަ އެވެ.
"ސަރުކާރު" އާއި "ސަރުކާރު 2" އަކީ ވަރަށް ކާމިޔާބު ދެ ފިލްމެވެ. އަދި އެ ދެ ފިލްމުގައި އަމީތާބްގެ ދަރިފުޅު އަބީޝެކް ބައްޗަން ވެސް މަަސައްކަތްކުރި އެވެ. "ސަރުކާރު 2" ގެ ރޯލެއް އަބީޝެކްގެ އަންހެނުން އައިޝްވާރިއާ ވެސް ކުޅުނެވެ.
"ސަރުކާރު 3" ގެ މައިގަނޑު ތަރިންނަކީ އަމީތާބްގެ އިތުރުން އަމިތު ސާދާއި މަނޯޖް ބަޖްޕާއީ އަދި ޔާމީ ގޯތަމެވެ. އެކަމަކު ތިން ވަނަ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ.
"ސަރުކާރު 4" ހަދާނެ ވާހަކަ ޕްރޮޑިއުސަރު ބުނި ނަމަވެސް މިކަމާ ބެހޭ ގޮތުން އާރްޖީވީ އަދި ވަކި އެއްޗެއް ނުބުނެ އެވެ.