Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލުން ޑްރަގް ފަރުވާ ދެނީ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ބޭނުންވާ ފަރުވާ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ދޭން ނިންމައި އެ ފަރުވާ ބޭނުންވާ މީހުންނަށް ރަޖިސްޓްރީވާން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އެ ކައުންސިލާއި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ އިތުރުން ކުޅުދުއްފުށީ ޖަނަލް ހޮސްޕިޓަލް ގުޅިގެން މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ މީހުންނަށް "ކޮމިޔުނިޓީ ބޭސްޑް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމް" ގެ ނަމުގައި ދިގު މުއްދަތުގެ ފަރުވާގެ ޕްރޮގްރާމެއް ފެށުމަށް މިހާރު އަންނަނީ ތައްތާރުވަމުންނެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކްލިނިކަލް އަދި ބިހޭވިއަރަލް ބައިތައް ހިމެނޭ ގޮތަށް ދިގު މުއްދަތަށް ދެމިގެންދާ ޕްރޮގްރާމެއްގެ ގޮތުގަ އެވެ.

އެހެންވެ އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މާދަމާ އިން ފެށިގެން ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ދޭން ނިންމައިފަ އެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން މެންދުރު ފަހު 2:00 އަށް ކުޅުދުއްފުށީ ޕަބްލިކް ހެލްތް ޔުނިޓް (އުފަންހިޔާ) ގަ އެވެ.

މި ޕްރޮގްރާމްއާ ގުޅޭ އިތުރު މަޢުލޫމާތު ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްގެ ނަންބަރު 6527694 އިން ލިބޭނެ އެވެ.

އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ބޭނުން ބޭނުންވާ ފަރުވާ ދޭން ހެލްތި މިނިސްޓްރީން ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.