Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

"ސްލޯވުމަކީ" އެމްޑީޕީ ދަންނަ ކަމެއް ނޫން: ނަޝީދު

ރައީސް ނަޝީދު އަދި ރައީސް ސޯލިހް-

"ސްލޯ" ވުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައިސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެއްޖެއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ފުވައްމުލަކުސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދޫނޑިގަމުގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ކަންބޮޑުވުންހުރި ކިތަންމެކަމެއް އެބަހުރި ކަމަށެވެ. އެގޮތުން މިހަތަރު އަހަރުގެ ތެރޭގައި ފުވައްމުލަކު ރައްޔިތުން ސަރުކާރަށް އަދި އެމްޑީޕީއަށް ހުރިހާ އެއްޗެއްވެސް ދިން ކަމަށާއި، އެގޮތުން 2018 ގެ ރިޔާސީ އިންތިހާބުގައިވެސް މެޖޯރިޓީ ހޯދައިދިން ކަމަށާއި، ފުވައްމުލަކުގެ މަޖިލިސް ގޮނޑިތަކާއި ކައުންސިލްގެ މެޖޯރިޓީވެސް ހޯދައިދިންކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ކަންބޮޑުވުން އަންނަނީ ތިބޭފުޅުން އެ ދިންމިންވަރާ ގާތަށްވެސް ސަރުކާރުން މި ފުވައްމުލަކަށް ދީފައި ނުވާތީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރާމެދު ފުވައްމުލަކުގެ ރައްޔިތުން ކުރި އުންމީދާއި އެ އުންމީދު ހާސިލުވީ މިންވަރު ފުވައްމުލަކުގެ ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

ފުވައްމުލަކުގައިވެސް މަޝްރޫތަކެއް ކުރިއަށްދާކަމަށާއި އެހެންނަމަވެސް ޓޫރިސްޓް އެނދު ފުވައްމުލަކުގައި އިތުރުކުރުމަށް ވި ވައުދާ ގާތަށްވެސް މަސައްކަތް ނުކުރެވޭކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ދަނޑުވެރިކަމުގެ ލެބޯޓްރީއެއް ގާއިމުކުރުމަށްވެސް ވައުދުވެ އެކަންވެސް ނުވެ އޮތްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ވައުދުތައް ފުއްދުމުގައި "ސްލޯ" ވުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫން ކަމަށެވެ.

"ދެން އަޅުގަނޑުމެން ލަހޭ، ސްލޯއޭ، މާ މަޑުންނޭ، ފިނިހަކަ ދުވެލީގައޭ، އެއީ މި ޕާޓީ ދަންނަގޮތެއް ނޫނޭ. މި ވާހަކަތައް އަޑުއުފުލަމުން މިދަނީ ކެތް މަދުވާތީވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ފުވައްމުލަކު އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުން ދަރަނި ދެއްކުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށާއި މި ފެށުނު 2023 ވަނަ އަހަރުވެސް އެ ހަރަދު އެގޮތަށް ކުރަންޖެހޭ ކަމަށެވެ. މީގެކުރިން މި ސަރުކާރުން އަމަލުކުރީ ދަރަނި ދެއްކުމަށް ދަރަނި ނެގުމުގެ އުސޫލެއް ކަމަށާއި މިއަހަރާ ޖެހުމުން ޖެހުނީ ދަރަނި ދެއްކުމަށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދެވެން ނެތީ އެ ސަބަބާ ހެދިކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ހިނގަމުންދާއިރު ރައީސް ނަޝީދު އަންނަވަނީ ކެމްޕޭނަށް އެކި ރަށްރަަށަށް ދަތުރުކުރައްވާ ހައްދަވަމުންނެވެ. އަދި ރައީސް ސޯލިހްގެ ފަރާތުންވެސް ކެމްޕޭން ހަރަކާތްތައް އަންނަނީ ކުރިއަށް ގެންދަވަމުންނެވެ. ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނި ޖެނުއަރީ 28 ވަނަ ދުވަހުއެވެ.