Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މިއީ ނިމުމެއް ނޫން، ސައުދީ ލީގު ވަރަށް ވާދަވެރި

ސައުދީ އަރަބިއްޔާ އަށް އައުމަކީ ކެރިއަރު ނިމުނީ ކަމަށް ގަބޫލު ނުކުރާ ކަމަށް ސައުދީ ލީގުގެ ކްލަބެއް ކަމަށްވާ އަލް ނަސްރަށް ސޮއިކުރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯ ،37، އަލް ނަސްރަށް ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކްލަބުން އޭނާ އަށް ސީޒަނެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 200 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިއީ ފުޓްބޯޅަ ކުޅުންތެރިއަކަށް ލިބޭނެ އެންމެ ބޮޑު މުސާރަ އެވެ.

އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ރޮނާލްޑޯ އިއްޔެ ދައްކާލާފައިވާއިރު ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ބުނީ ސައުދީ ލީގަށް އައުމުގެ ކުރިން ޔޫރަޕްގެ ކްލަބުތަކާއި، ބްރެޒިލް، އެމެރިކާ، ޕޯޗުގަލް ފަދަ ގައުމުތަކުގެ ކްލަބުތަކުން ވެސް ހުށަހެޅުންތައް ލިބުނު ކަމަށާއި ނަމަވެސް އޭނާ އިހުތިޔާރު ކުރީ ސައުދީ ލީގު ކަމަށެވެ.

ސައުދީ ލީގަށް އައީ ހަމައެކަނި ފުޓްބޯޅަ ކުޅެން ނޫން ކަމަށާއި ބޭނުން ވަނީ ފުޓްބޯޅައާ މެދު ސައުދީ މީހުންގެ ވިސްނުން ބަދަލުކޮށްލަން ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ. ޔޫރަޕްގައި ހުރިހާ ރެކޯޑެއް މުގުރާލެވިފައިވާ ކަމަށާއި ދެން އޮތީ އެފަދަ ރެކޯޑުތައް ސައުދީގައި މުގުރާލުން ކަމަށް ރޮނާލްޑޯ ބުންޏެވެ.

"މިއީ އަހަންނަށް އަދި ނިމުމެއް ނޫން. ސައުދީ ލީގަކީ ވަރަށް ވާދަވެރި ލީގެއް. މީގެކުރިން ވެސް ސައުދީ ލީގުގެ ވަރަށް ގިނަ މެޗުތައް އަހަރެން ބެލިން. އަލް ނަސްރަށް ސޮއިކުރުމަށް ނިންމުނީތީ އެކަމާ ފަހުރުވެރިވަން." ރޮނާލްޑޯ ބުންޏެވެ.

މީގެއިތުރުން ރޮނާލްޑޯ ވަނީ ޔޫރަޕްގައި ނުލިބޭ އެއްޗެއް ނެތް ކަމަށާއި ދެން އިތުރަށް ހޯދާނެ އެއްޗެއް ވެސް ކަމަށްވެސް ބުނެފަ އެވެ.

ސައުދީގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ އަލް ނަސްރު އެންމެ ފަހުން ތަށި އުފުލާލީ 2019 ވަނަ އަހަރު އެވެ. އެޓީމު މިވަގުތު އޮތީ ސައުދީ ލީގުގެ އެއްވަނައިގަ އެވެ.

މިއީ ޔޫރަޕް ނޫން ގައުމެއްގެ ކްލަބަކަށް ރޮނާލްޑޯ ކުޅޭ ފުރަތަމަ ފަހަރެވެ. އޭނާ ވަނީ ކުރިން ޔޫރަޕްގެ ހަަތަރު ގައުމުގައި ކުޅެފަ އެވެ. އެއީ ޕޯޗުގަލް، އިންގްލެންޑް، ސްޕެއިން އަދި އިޓަލީގަ އެވެ.

ރޮނާލްޑޯ އެންމެފަހުން ކުޅުނީ މެންޗެސްޓާ ޔުނައިޓެޑަށް ކަމަށްވާއިރު އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އޭނާ ވަނީ އުވާލާފަ އެވެ.