ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވި އިރު މެންޗެސްޓާ ޔުނައިޓެޑުން ބޯންމަތް 3-0 އިން ބަލިކޮށްފި އެވެ.
ރޭގެ މެޗު އެއްވަރުވުމުން ލީގުގެ އެއްވަނައިގައި އާސެނަލް މިހާރު އޮތީ 17 މެޗުން ލިބުނު 44 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 16 މެޗުން ލިބުނު 36 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި 18 މެޗުން ލިބުނު 35 ޕޮއިންޓާ އެކު ނިއުކާސަލް އޮތްއިރު ހަތަރުވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން އޮތީ ޔުނައިޓެޑެވެ. ޔުނައިޓެޑަށް ވުރެ ނިއުކާސަލް އެއް މެޗު ގިނައިން ކުޅެފައިވާއިރު އެޓީމަށް ތިންވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.
އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި މެޗުގައި ގޯލެއް ކާމިޔާބު ކުރަން ރަނގަޅު ފުރުސަތުތަކެއް އާސެނަލަށް ލިބިފައިވެ އެވެ. އެގޮތުން މާޓިނެއްލީ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ނިއުކާސަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އެޑީ އެންކެޓިއާ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ނިއުކާސަލްގެ ގޯލްކީޕަރު ނިކް ޕޯޕް އެވެ.
މިއީ މިދިޔަ އަހަރުގެ މާޗު މަހަށްފަހު އާސެނަލަށް އަމިއްލަ ދަނޑުގައި ގޯލެއް ކާމިޔާބު ނުކުރެވުނު ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެ އެވެ.
ރޭގެ މެޗަށްފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ ރެފްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން އެ މެޗުގައި އާސެނަލަށް ދެ ޕެނަލްޓީ ލިބެންޖެހޭ ކަމަށް އާޓެޓާ ބުންޏެވެ. ނަމަވެސް ކުޅުންތެރިން ކުރި ހިތްވަރަށް އާޓެޓާ ތައުރީފް ކުރި އެވެ.
ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ރޭ ބޯންމަތް ބަލިކުރިއިރު މިއީ އެޓީމުން ޖެހިޖެހިގެން ލީގުގައި ހޯދި ހަތަރުވަނަ މޮޅެވެ. ރޭގެ މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލު މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ކަސެމީރޯ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ޔުނައިޓެޑްގެ ދެވަނަ ގޯލު ލޫކް ޝޯ ކާމިޔާބުކޮށްދިން އިރު ފަހު ގޯލް މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބްރައިޓަން އިން ވަނީ 4-1 އިން އެވަޓަން ބަލިކޮށްފަ އެވެ. އަދި ފުލަމް އިން ވަނީ 1-0 އިން ލެސްޓަ ސިޓީ ބަލިކޮށް ލީގުގެ 7 ވަނަ އަށް ޖެހިލާފަ އެވެ.