Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

މިފްކޯގެ ސައިޓްތަކުން މަސްވެރިންނަށް ތެޔޮ

މިފްކޯގެ ސައިޓްތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ޚިދުމަތް ދިނުމަށް ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްއެސްއެމް) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި މިފްކޯގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ ސީއީއޯ އިސްމާއީލް ފައުޒީ އެވެ. އެފްއެސްއެމް އިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމެވެ. މިފްކޯ އާއި އެފްއެސްއެމަކީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސަޑީރީ ކުންފުނިންތަކެކެވެ.

މިފްކޯ އިން ބުނީ އެފްއެސްއެމްއާ އެކީ ވެވުނު އެއްބަސްވުމުގެ ދަށުން އިއްޔެ އިން ފެށިގެން ކޫއްޑު އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ 3 އިން ފެށިގެން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އިން ވެސް ތެޔޮ ވިއްކަން ފަށާނެ ކަމަށް މިފްކޯ އިން ބުންޏެވެ.

މިފްކޯ އިން ބުނި އެފްއެސްއެމާ އެކީ ވެވުނުނު މި އެއްބަސްވުމަކީ ދަތި ކަމެއް ނެތި ކުންފުނީގެ ސައިޓުތަކުން މަސްވެރިންނަށް ތެޔޮ އަބަދުވެސް ލިބޭނޭކަމުގެ ޔަގީންކަން ލިބުމެވެ. އަދި ބައެއް ހާލަތްތަކުގައި ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކަންޖެހުމުން މަސް ވެރިންނަށް ދިމާވާ ދަތިތަކަށް ވެސް މި އެއްބަސްވުމުގެ ދަށުން ހައްލު ހޯދައި ދެވޭނެ އެވެ.

މިފްކޯ އިން ބުނީ އެ ކުންފުނީގެ ބޯޓުތަކުގައި ތެޔޮ ރައްކާކުރާނޭ ސްޓޯރޭޖު ކުޑަވުމުން މަސްވެރިން ބޭނުންވާ މިންވަރަށް ބޯޓުތަކުން ތެޔޮ ވިއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ބޯޓުތަކުން ތެޔޮ ވިއްކުމުގެ ބަދަލުގައި ތެޔޮ ލިބޭނޭ ފަސޭހަ އެހެން އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް އެފްއެސްއެމްއިން މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެކަން އަހަރުގެ ފުރަތަމަ ހަތަރު މަސް ނިމުމުގެ ކުރިން ހަމަޖެއްސުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

މިފްކޯ އާއި އެފްއެސްއެމްގެ އެއްބަސްވުމާ އެކީ ހުރިހާ މަސްދޯނިތަކަކުން އެފްއެސްއެމްއާ އެކީ ކްރެޑިޓް އެއްބަސްވުމެއް ހަދާނެ އެވެ. އަދި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ދޯނި ފަހަރަށް ކްރެޑިޓް ދޭނެ ކަމަށް މިފްކޯ އިން ބުންޏެވެ. މި އިންތިޒާމުގެ ތެރެއިން މަސް ބިލުން ތެލުގެ ފައިސާ ކެނޑުމުގެ ބަދަލުގައި ދޯނިފަހަރުން ކްރެޑިޓް މުއްދަތުގެ ތެރޭގައި ތެލަށް ދައްކަން ޖެހޭ ފައިސާ ސީދާ އެފްއެސްއެމް އަށް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

މިފްކޯ އިން މަސްވެރިންނަށް ޑީސަލް ވިއްކާ ރޭޓުގައި އެފްއެސްއެމްއިން ވަނީ ހުޅުމާލޭ މަސްވެރިންގެ ޖެޓީން ވެސް މިދިޔަ ނޮވެމްބަރު މަހު މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފަ އެވެ.

މިފްކޯ އިން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 17.63ރ. އަށެވެ. އެ ރޭޓުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެނީ މިފްކޯގެ މަސް ބޯޓުތަކުންނާއި، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކުންނެވެ.