ފެށުނު އާ އަހަރާ އެކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުންގެ އައި ގައުމުގެ މަގާމު އިޓަލީ އަށް ލިބިއްޖެ އެވެ.
އަހަރުގެ ފުރަތަމަ ދެ ދުވަހު ރާއްޖެ އަށް ޖުމްލަ 11،112 ޓޫރިސްޓުން އައި އިރު، މީގެ ތެރެއިން 2،343 ޓޫރިސްޓުންނަކީ އިޓަލީގެ މީހުންނެވެ. އެހެންވެ މި އަހަރު ފެށުނީ ރާއްޖޭގެ އެންމެ ބޮޑު މާކެޓަކަށް އިޓަލީވެގެންނެވެ. އެ މަގާމު އިންޑިއާ އިން ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓަމުން އައި އިރު، އަހަރުގެ ފުރަތަމަ ދެ ދުވަހު އެ ގައުމުން ރާއްޖެ އައީ 753 ޓޫރިސްޓުންނެވެ. މިއާ އެކީ އިންޑިއާ މިހާރު އޮތީ ތިނެކަަށް ވެއްޓިފަ އެވެ.
އިޓަލީ އެއްވަނައި ހަމަޖެލި އިރު، މިދިޔަ އަހަރު ނިމުނު އެންމެ ރާއްޖޭގެ ޓޮޕް 10 މާކެޓްގައި އެ ގައުމު އޮތީ ފަސް ވަނައިގަ އެވެ.
މި އަހަރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އަހަރުގެ ފުރަތަމަ ދެ ދުވަހު އެ ގައުމުން ރާއްޖެ އައިސްފައި ވަނީ 1،784 ޓޫރިސްޓުންނެވެ.
މިހާރު ރާއްޖޭގެ ޓޮޕް މާކެޓަށް ބަލާ އިރު، ގަދަ ލިސްޓްގައި ދެން ހިމެނެނީ އިނގިރޭސިވިލާތް، ޖަރުމަން، އެމެރިކާ، ކަޒަގަސްތާން، ސްޕެއިން، ސްވިޓްޒަލޭންޑް އަދި ފްރާންސެވެ.
މިދިޔަ އަހަރު ރާއްޖޭން ކަނޑައެޅި އަމާޒަކީ މަދުވެގެން 1.6 ޓޫރިސްޓުންނެވެ. އަދި އަހަރު ނިމުނު އިރު، ޖުމްލަ 1،675،294 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. މި އަހަރަށް ކަނޑައަޅާފައި އޮތް ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން 1.8 ޓޫރިސްޓުން ގެނައުމެވެ.
ޗައިނާ އަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު މާކެޓެވެ. ނަމަވެސް އެ ބަލިމަޑުކަމާ ވިދިގެން ޗައިނާ ޓޫރިސްޓުން އައުން ހުއްޓިފައި އޮތަސް މި މަހުގެ 18 އިން ފެށިގެން އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އަށް އަންނަން ފަށާނެ އެވެ. މި މަހުގެ 8 އިން ފެށިގެން ޗައިނާގެ ބޯޑަރު އާންމުކޮށް ހުޅުވައިލަން މިހާރު އޮތީ ނިންމައިފަ އެވެ.
ޗައިނާ ޓޫރިސްޓުން ރާއްޖެ އަންނަ ފެށުމާ އެކީ އަނެއްކާ ވެސް ޓޮޕް 10 މާކެޓަށް އެ ގައުމު އަރާނެކަމުގެ އުންމީދު ބޮޑެވެ.