Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޝާހްރުކްގެ ދަރިފުޅުގެ ހިތް ނޯރާ އަށް؟

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާނާއި ބޮލީވުޑްގެ "އައިޓަމް ގާލް" ނޯރާ ފަތުހީ ޑޭޓްކުރަމުން އަންނަކަމުގެ އަޑުތަކެއް ގަދަވާން ފަށައިފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ މީހުން އާ އަހަރުގެ ޗުއްޓީ ވެސް ހޭދަކޮށްފައި ވަނީ އެކީގަ އެވެ. އެގޮތުން ދުބާއީގައި ފޭނަކު ނޯރާ، 30، އާއި އަރިއަން، 25، އާ އެކީ ނަގާފައިވާ ފޮޓޯތަކެއް އެ މީހުން ޓެގްކޮށް، ރެޑިޓްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. އަދި އެ ޕޯސްޓަށް ގިނަ ބަޔަކު ކޮމެންޓްކޮށް، އަރިއަން އާއި ނޯރާއާ ދެމެދު މިހާރު ގުޅުމެއް އޮތް ކަމަށް ބުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެކި ކަހަލަ ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ.

ކޮމެންޓްކުރި ބައެއް މީހުން ވަނީ އަރިއަން އާއި ނޯރާގެ ގުޅުމާ ބަތަލާ އަނަންޔާ ޕާންޑޭ، 24، އާ ވެސް ގުޅުވައިފަ އެވެ. އެގޮތުން އަނަންޔާ މިހާރު ހުންނާނީ ވަރަށް ހިތްދަތިވެފައިވާ ކަމަށާއި އަރިއަންގެ މިހާރުގެ "ޓޭސްޓް" ވަރަށް ބަރާބަރު ކަމަށް ބުނެފައިވެ އެވެ. އަރިއަން އާއި އަނަންޔާ އެކީ ވަރަށް ކުޑައިރުން ފެށިގެން ގާތް އެކުވެރިންނެވެ. އަދި އަރިއަންގެ ކޮއްކޮ ސުހާނާ ޚާނަކީ އަނަންޔާގެ ބެސްޓްފްރެންޑެކެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ވަނީ އަރިއަން އަކީ އޭނަގެ ކުރީގެ ވަރަށް ބޮޑު ކްރަޝްއެއް ކަމަށް ވެސް ބުނެފަ އެވެ. އަދި އަރިއަންއާ ޑޭޓްކުރުމުގެ ޝައުގުވެރިކަން އޮތް މޭރުމަކުން ވާހަކަ ދައްކާފައިވެ އެވެ. އަނަންޔާ ކުރިން ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ހައްތަރާ ރައްޓެހިވި އެވެ. އަދި ފަހުން އަޑުއަރާފައިވާ ގޮތުގައި އޭނަ މިހާރު އުޅެނީ "އާޝިގީ 2" ގެ އެކްޓަރު އަދިތިޔާ ރޯއި ކަޕޫރާ ރައްޓެހިވެގެންނެވެ.

އަރިއަން އާއި ނޯރާގެ ގުޅުމާ ބެހޭ ވާހަކަތަކެއް ދެކެވެން ފެށި އިރު، މީގެ ކުރިއަކުން އަރިއަން އާއި ބޮލީވުޑްގެ ބަތަލަކާ ގުޅުވައިގެން މިފަދަ ވާހަކައެއް ދެކެވިފައެއް ނުވެ އެވެ. ދާދި ފަހުން ބައެއް މީޑިއާތަކުން ވަނީ ނޯރާ އާއި މިއުޒިކް/ފިލްމު ކުންފުނި ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރު 45، އާ ދެމެދު ސިއްރު ގުޅުމެއް އޮންނަކަމަށް ބުނެފަ އެވެ. އެކަމަކު ބުޝަން އަކީ ކައިވެނިކޮށް، ދަރިއަކު ވެސް ހުރި މީހެކެވެ. އޭނަގެ އަންހެނުންނަކީ ބަތަލާ ދިވްޔާ ކޯސްލާ ކުމާރެވެ.

ނޯރާ މިހާތަނަށް ބޮލީވުޑުން ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވީ އެކްޓަރު އަންގަދު ބޭދީ، 39، އާ އެވެ. އެއީ މިހާރު ބަތަލާ ނޭހާ ދޫޕިއާގެ ފިރިމީހާ އެވެ. އަދި ލަވަކިޔުންތެރިޔާ ގުރޫ ރާންދަވާ، 31، އާ ވެސް ނޯރާ މި ފަހުން އަޅުވާކިޔާފައިވެ އެވެ.