Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

އައްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަނީ

އައްޑޫ ސިޓީ ލޯކަލް އޮތޯރިޓީގެ ނަމުގައި ކުންފުންޏެއް އުފައްދަން ނިންމާފައިވާތީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އެ ކައުންސިލުން ބުނީ ހުޅުވައިލީ ކުންފުނީގެ އެގްޒެކަޓިވް ޑިރެކްޓަރެއްގެ މަގާމަށާއި މިނިވަން ޑިރެކްޓަރެއްގެ މަގާމަށް ކަމަށެވެ. މިއިން ކޮންމެ މަގާމަކަށް ނަގަން ހަމަޖެހިފައި ވަނީ އެކެކެވެ. އަދި މި މަގާމުތަކަށް ޝައުގުވެރިވާ މީހުންނަށް މި މަހުގެ 12 އާ ހަމައަށް ވަނީ އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މިކަމަށް އެދޭ ފޯމް ކައުންސިލްގެ ވެބްސައިޓް www.adducity.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ. ފޯމް ފޮނުވާނީ މި [email protected] މެއިލަށެވެ.

ކައުންސިލުން ބުނި ގޮތުގައި އައްޑޫ ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރާނީ ކައުންސިލުން އެކުލަވައިލާ ކޮމިޓީއަކުން ނަންތައް އިވެލުއޭޓްކުރުމަށް ފަހު ޝޯޓްލިސްޓްކޮށްގެންނެވެ. އެގޮތުން ޝޯޓްލިސްޓް ކުރެވޭ މީހުންގެ ނަންތައް ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާ ގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލާވާފައިވާ މީހުންގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް ހޮވުނު ފަރާތްތަކުގެ ވަނަވަރު ހިއްސާކުރާނެ އެވެ.

ކައުންސިލުން ބުނީ އެ ކުންފުނީގެ ބޯޑުގައި ޖިންސުގެ ހަމަހަމަކަން ހިމެނުމަށް ބާރު އެޅުމުގެ ގޮތުން ބޯޑުގެ މެމްބަރު ކަމަށް އަންހެނުން ކުރިމަތިލުމަކީ ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.

ކައުންސިލުން އައްޑޫ ސިޓީ ލޯކަލް އޮތޯރިޓީގެ ނަމުގައި ކުންފުންޏެއް އުފައްދަން ނިންމީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން "ކައުންސިލްތަކުން ވިޔަފާރިކުރުން" ގެ މާއްދާގެ ދަށުން ކަމަށެވެ.

މި މާއްދާގެ ދަށުން ކައުންސިލަކަށް އުފައްދައި ދިން ފުރަތަމަ ކުންފުނި މިދިޔަ މަހު ވަނީ އއ. ތޮއްޑޫ ކައުންސިލަށް އިކޮނިމިކް މިނިސްޓްރީން ރަޖިސްޓްރީކޮށް ދީފަ އެވެ.