ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާ އެކީ އެއްޖިންސުން ގުޅުން ހިންގި ބަންގަލްދޭޝްގެ އެމްޑީ އަލަމްގިރީގެ ވީޑިއޯތައް ދައުރުކޮށް، އެ ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.
އެ މީހުން ދޫކޮށްލީ ފުލުހުން އެ މައްސަލަ ފައިލް ވެސް ކުރުމާ ގުޅިގެންނެވެ.
އަލަމްގީރާ އެކީ އެކި މީހުން އެކި ފަހަރު މަތިން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކެއް މިދިޔަ އަހަރުގެ ތެރޭގައި އާންމުވި އެވެ. އަދި މި ވީޑިއޯތައް އެހެން ބައެއްގެ އަތަށް އަރައި، އޭގައި ހިމެނޭ ބައެއް މީހުން ބްލެކްމެއިލްކޮށްގެން ފައިސާ ހޯދި ކަމުގެ ތުހުމަތުކޮށްފައިވެ އެވެ. އެގޮތުން ބްލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑުކޮށް އަދި ބައެއް ވީޑިއޯތައް އާއްމުކުރި މައްސަލައިގައި ތުހުމަތުކޮށް ތިން މީހަކު ހައްޔަރުކުރި އެވެ. އެއީ ބ. ދަރަވަންދޫ އަކިރި، ހަމްދޫން އަބްދުﷲ، 37، އާއި އެ ރަށު ހީމަ، މުހައްމަދު މިހާދު މުސްތަފާ، 24، ގެ އިތުރުން ށ. ފުނަދޫ ސީސްޓާ މައުމޫން މޫސާ، 41، އެވެ.
ފުލުުހުން ކުރިން ބުނެފައިވާ ގޮތުގައި މި މައްސަލާގައި ހިމެނޭ ހަމްދޫނަކީ ވީޑިއޯތައް ދައުރުކޮށް، ބްލެކްމެއިލްކިރުމުގައި އިސްކޮށް އުޅުނު މީހާ އެވެ.

ފުލުހުން އެ މީހުން ދޫކޮށްލައި މައްސަލަ ފައިލްކުރީ އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހާ މަޝްވަރާ ކުރުމުން، ލިބިފައިވާ ހެއްކަކީ ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ ބުރަދަން ހުރި ހެކިތަކެއް ނޫން ކަމަށް އެ އޮފީހުން އެންގުމުން ކަމަށެވެ. އެހެންވެ މައްސަލަ ފައިލްކޮށް، ޕީޖީ އޮފީހުން ލަފާގެ ދަށުން ދޫކުރީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ނަމަވެސް، މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ލިބިއްޖެ ނަމަ މައްސަލަ އަލުން ބެލުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުން ބުންޏެވެ.
އަލަމްގީރާއެކު ޖިންސީ ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު (ދޮންދިގު) އިތުރުން ވެސް އިތުރު ބައެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވެފައިވެ އެވެ.