ޗައިނާގެ ތިން އެއާލައިނަކުން މި މަހުގެ ތެރޭގައި ރާއްޖެ އަށް ދަތުރުތައް ފަށަން ހަމަޖެހިއްޖެ އެވެ.
ކޮވިޑާ ހެދި އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން މި މަހުގެ 8 ގައި އަލުން ބޯޑަރު ހުޅުވައިލަން އޮތީ ނިންމައިފަ އެވެ. އެހެންވެ މި މަހުގެ 18 ގައި ޗައިނާ އިން އަލަށް ދަތުރުތައް ފަށަން އަންނަނީ ތައްޔާރީތައް ވަމުންނެވެ. ކޮވިޑްގެ ކުރިން އެ ގައުމަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމެވެ.
![]()
ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްސީއެލް) އިން ބުނި ގޮތުގައި މި މަހުގެ ތެރޭގައި ރާއްޖެ އަށް ދަތުރުތައް ފަށަން ހަމަޖެހިފައިވާ ޗައިނާގެ ތިން އެއާލައިނަކީ ބެއިޖިން ކެޕިޓަލް އެއާލައިންސް އާއި ޗައިނާ އީސްޓަން އެއާލައިންސްގެ އިތުރުން ހޮންކޮންގް އެއާލައިންސެވެ.

އެމްއޭސީލް އިން ބުނި ގޮތުގައި މި މަހުގެ 18 އަންނަ މަހުގެ 25 އަށް ވީއައިއޭ އާއި ބެއިޖިން ޑެކްޒިން އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތައް ބާއްވާނެ އެވެ. އަދި މި މަހުގެ 28 އިން މާޗް މަހުގެ 25 އަށް އީސްޓަން އެއާލައިނުން ވީއައިއޭ އަށް ދަތުރުތައް ކުރާނީ ޝަންގާއީ ޕުޑޮންގް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި މާޗް 23 އާ ހަމައަށް ހޮންކޮންގް އެއާލައިންސް އިން ދަތުރުތައް ބާއްވާނީ ހިންކޮންގުގެ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.