Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ރޯމިއޯ އެންޑް ޖޫލިއަޓް" ޕެރަމައުންޓަށް ދައުވާކޮށްފި

މީގެ 55 އަހަރު ކުރިން ރިލީޒްކުރި މަޝްހޫރު ފިލްމު "ރޯމިއޯ އެންޑް ޖޫލިއަޓް" ގެ ތަރިން އެ ފިލްމު އުފެއްދި ޕެރަމައުންޓާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ފްރާންކޯ ޒެފިރެލީ ޑައިރެކްޓްކުރި ފިލްމުގެ ޓައިޓްލް ރޯލުތައް ކުޅުނު ތަރިން ކަމަށްވާ މިހާރު އުމުރުން 72 އަހަރުގެ ލިއޮނާޑޯ ވައިޓިން އާއި 71 އަހަރުގެ އޮލިވާ ހަޒީ، ޕެރަމައުންޓާ ދައުވާކުރަނީ އެ މީހުންގެ ޅަ އުމުރުގައި ބަރަހަނާ މަންޒަރުތަކެއް ކުޅުވައި، އޭގެ ސަބަބުން ނަފުސާނީ ގޮތުންނާއި މާލީ ގޮތުން ވެސް ކުރިމަތިލާން ޖެހުނު ގެއްލުންތަކާ ހެދި ކަމަށް ބުނެ އެވެ.

އޮކްޓޯބަރު 19، 1968 ގައި ރިލީޒްކުރި "ރޯމިއޯ އެންޑް ޖޫލިއަޓް" ކުޅުނު އިރު، ވައިޓިން އަށް 16 އަހަރެވެ. އަދި އޮލިވާ އަށް 15 އަހަރެވެ. އެ ފިލްމު ރިލީޒްކުރިތާ ބައި ގަރުނަށް ވުރެ ދުވަސް ފަހުން ޕެރަމައުންޓާ ދެކޮޅަށް ދައުވާކުރި އިރު، ފިލްމުގެ ޑައިރެކްޓަރު ފްރާންކޯ ވަނީ 96 އަހަރުގައި 2019 ގައި މަރުވެފަ އެވެ.

ވައިޓިން އާއި އޮލިވާ ޕެރަމައުންޓާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެ މީހުން ލައްވައި ފިލްމު ކުޅުވި އިރު، ބަރަހަނާ އެއްވެސް މަންޒަރެއް ފިލްމުގައި ނުހިމެނޭނެކަން އޭގެ ޓީމުން ކަށަވަރުކޮށް ދިން ކަމަށެވެ. އަދި ގައިގޯޅި މަންޒަރުތަކެއް ކުޅެން ޖެހުނަސް، އެ މީހުން ބަރަހަނާވާ ކަހަލަ އެއްވެސް ކޮސްޓިއުމެއް ވެސް އެފަދަ އެއްވެސް މަންޒަރެއް ފިލްމުގައި ނުހިމަނާނެކަމުގެ ޔަގީންކަން ވެސް ދިނެވެ.

ނަމަވެސް "ރޯމިއޯ އެންޑް ޖޫލިއަޓް" ސިނަމާތަކަށް ގެނައި އިރު، އެ މީހުން ބަރަހަނާވާ ގޮތަށް މަންޒަރުތަކެއް ޝޫޓްކޮށް، ފިލްމުގައި ހިމަނާފައިވާ ކަމަށް ބުނެފައިވެ ވެ. ދެ ތަރިން ބުނެފައިވާ ގޮތުގައި ޕެރަމައުންޓްގެ އެ އަމަލަކީ އުމުރުން 18 އަހަރު ވެސް ނުވާ ކުދިންތަކެއް ޖިންސީ ގޮތުން ނަހަމަ ގޮތުގައި ބޭނުންކޮށް، ވިޔަފާރި އަށް އެކަން ބޭނުން ކުރުމެވެ. އަދި އެކަމާ ގުޅިގެން "ރޯމިއޯ އެންޑް ޖޫލިއަޓް" ރިލީޒްވި ފަހުން ނަފުސާނީ ގޮތުން ބޮޑެތި ނޭދެވޭ އަސަރުތަކެއްކޮށް، އަދި އެ މީހުންނަށް ފަހުން ވަޒީފާއެއް ހޯދުން ކަހަލަ ކަންކަމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވައިޓިން އާއި އޮލިވާ ޕެރަމައުންޓާ ދެކޮޅަށް ދައުވާކުރީ ލިބުނު ގެއްލުމުގެ ބަދަލަށް 500 މިލިއަނަށް ވުރެ ބޮޑު ބަދަލެއް ނަގައި ދިނުމަށެވެ.

މިކަމާ ބެހޭ ގޮތުން ޕެރަމައުންޓުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

"ރޯމިއޯ އެންޑް ޖޫލިއަޓް" އަކީ 850،000 ޑޮލަރުން އުފައްދައި ބޮކްސް އޮފީހުގައި 38.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.