Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ފައިސާ ޗާޕު ކުރުމުން ބުރަވީ ރައްޔިތުންގެ ޖީބަށް: ޝިޔާމް

މެމްބަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފައިސާ ޗާޕުކޮށްގެން ދައުރުކުރުމުން ހުރިހާ ބުރައެއްވީ ރައްޔިތުންގެ ޖީބަށް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ޑޮލަރުގެ ތާށިކަމާ ގުޅިގެން ކުރެއްވި ޓްވީޓްތަކެއްގައެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ ޑޮލަރުގެ ތާށިކަން އުޅޭތީ އެމް.އެމް.އޭ އަދި ބީ.އެމް.އެލް އަށް ގޮސް ވާހަކަ ދެއްކި ކަމަށެވެ.

"ގަވަރުނަރުވެސް މިހާރު ހީވަނީ ނަރަކަށް ބާރުކޮށްލާފަހުރިހެން. ކަންއޮތްގޮތް ހާމަކުރައްވަން ޖެހިލުންވެ ވަޑައިގެން ހުންނެވީ. މިއީ ރާއަޖެއިން ބޭރުގައި ދިރިއުޅޭ އެތައް ސަތޭކަ ދަރިވަރަކަށް ދެވޭ އަނިޔާއެއް." ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން ކޮވިޑްގެ ކުރީގެ ހާލަތަށް ރާއްޖޭގެ އިގްތިސާދު ގެންދެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމުން ޝިޔާމް ވަނީ ޑޮލަރުގެ ތާށިކަން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

އަދި ފައިސާ ޗާޕުކޮށް ދައުރުކުރުމުން ހުރިހާ ބުރައެއްވީ ރައްޔިތުންގެ ޖީބަށް ކަމަށާއި، ޖީއެސްޓީ ބޮޑުކުރުމުން ދިރިއުޅުމުގެ އަގު އެތައްގުނައެއް އުފުލިއްޖެ ކަމަށެވެ.

މިއަހަރު ޖީއެސްޓީ ނަގާ ރޭޓް ބޮޑުކުރުމުން ތަކެތީގެ އަގުތައް އުފުލިފައިވާއިރު ޓެކްސް ބޮޑުކުރުމާ ގުޅިގެން އިދިކޮޅުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި ދުނިޔޭގެ އިގްތިސާދު ހީނަރުވަމުންދާއިރު އެކަމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށް އިދިކޮޅުން ބުނެއެވެ.