Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ނަޝީދުގެ ކެމްޕޭން މިއަދު ހިޔާ ފްލެޓް ސަރަހައްދުގައި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ހަރަކާތެއް މިއަދު ހަވީރު ހުޅުމާލެ ފޭސް2 ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން، ފޯރީގައި ކުރިއަށްގެންދާއިރު ރައީސް ނަޝީދު ވެސް އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ފަރާތްތަކުންވެސް އަންނަނީ ކެމްޕޭން ބާރަށް ކުރިއަށްގެންދަމުންނެވެ.

މިއަދު ހަވީރު ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރައީސް ނަޝީދާއެކު ކުރިއަށްގެންދާ ހަވީރުގެ ސައެކެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 04:30 ގައެވެ.

ރައީސް ނަޝީދު ކެމްޕޭނަށް އެކި ރަށްރަށަށް ދަތުރުކުރައްވާ ދޮރުން ދޮރަށް ހަރަކާތް އަންނަނީ ކުރިއަށްގެންދަވަމުންނެވެ.

ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވާ ރައީސް ސޯލިހްގެ ކެމްޕޭންވެސް ކުރިއަށްދާއިރު އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ހަރުގެ ބައްދަލުވުމެއް މިރޭ 09:00 ގައި އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 28 ވަނަ ދުވަހުއެވެ.