އައްޑޫސިޓީގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އައްޑޫސިޓީ ކައުންސިލާ ހިއްސާ ކޮށްފިއެވެ.
އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ، އެ ކައުންސިލާއި މިނިސްޓްރީ އޮފް ހައުސިންގް، ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ އަދި އައްޑޫސިޓީގެ ބިންހިއްކުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރ ވެންއޫދް އާއި ދެމެދު މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގެ ތެރެއިން އައްޑޫ ބިންހިއްކުމުގެ މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ކޮންޓްރެކްޓާގެ ފަރާތުން އައްޑޫސިޓީ ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ.
އަައްޑޫ ބިންހިއްކަން ނެދަލޭންޑްސްގެ ވެންއޫދްއާ ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް 27 ގައެވެ.
އައްޑޫ ބިންހިއްކުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.
އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:
* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ.
* ޖުމްލަ 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ.
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ.
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން.
* މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ.
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން.
* މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ.