Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ނިޒާމުގެ ބަންދަށް 60 ދުވަސް

މުޙައްމަދު ނިޒާމް-

ގެއްލިގެން ހޯދަން އިއުލާނުކުރި ދެ މީހުންގެ ތެރެއިން އިއްޔެ ފެނުނު މުހައްމަދު ނިޒާމު ގެ ބަންދު މުއްދަތު ޖަހައިފިއެވެ.

ގެއްލިގެން ހޯދަން އިއުލާނު ކުރުމަށްފަހު އިއްޔެ ފުލުހުން ބުނެފައިވަނީ މާލޭގެ ގެސްޓްހައުސަކުން ނިޒާމު ފެނިފައިވާ ކަމަށާއި، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވާކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ މަރުގެ މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް އިތުރު ތަފުސީލެއް ހާމައެއްނުކުރެއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ނިޒާމުގެ ބަންދަށް ކްރިމިނަލް ކޯޓުން 60 ދުވަސް ދީފައިވާ ކަމަށެވެ. ނިޒާމުގެ ބަންދު އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައެވެ.

ވިލިމާލެ އިން ދެ މީހުންނާއެކު ފުރި ތެޔޮ ބޯޓަކުން ގެއްލުނު ކަމަށްބުނެ ހޯދަން އިއުލާނު ކުރި ދެ މީހުންގެ ތެރޭގައި ހިމެނެނީ ނިޒާމުގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަންއެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި މިކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.