އައްޑޫ ހުޅުމީދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީ) ގެ އޭޓީއެމެއް ބެހެއްޓުމުގެ ތައްޔާރީތައް ވާން ފަށައިިފި އެވެ.
މިކަމާ ގުޅޭ ގޮތުން އެމްއައިބީ އައްޑޫ ބްރާންޗްގެ ޓީމެއް މިއަދު ހުޅުމީދު އަށް ގޮސް، މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ އާއި ހުޅުދޫ ކައުންސިލަރު ހުސައިން ފައިޒްއާ އެކު މަޝްވަރާ ވެސް ކޮށްފައިވެ އެވެ. މީދު އާއި ހުޅުދޫ ރައްޔިތުންނަށް ފަސޭހަކޮށް ހިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން އޭޓީއެމެއް ހުޅުމީދޫގައި ބަހައްޓަން ނިންމުމަކީ އެމްއައިބީގެ އިސް ނެގުމެކެވެ.
މިކަމާ ބެހޭ ގޮތުން ސާލިހާ "އައްޑޫ ލައިވް" އަށް ވިދާޅުވީ އެ އޭޓީއެމް ބަހައްޓަން ނިންމާފައި ވަނީ މީދު އާއި ހުޅުދޫ ގުޅޭ ސަރަހައްދުން ބޮޑުގައި ހުންނަ އެސްޓީއޯގެ އިމާރާތުގެ އެންމެ ތިރީގައި ކަމަށެވެ.

"އެތަނުގައި އެމްއައިބީގެ އޭޓީއެމެއް ބަހައްޓާ ގޮތަށް ކުރިން ވެސް މަޝްވަރާކުރެވި އެގޮތަށް ނިމިފައި އޮތީ." އޭނާ ވިދާޅުވި އެވެ.
ސާލިހާ ވިދާޅުވީ އަންނަ މަސް ނިމުމުގެ ކުރިން ފައިސާ ނެގޭ އޭޓީއެމެއް އެމްއައިބީން ބަހައްޓާނެކަމުގެ ޔަގީންކަން މިއަދު ދީފައިވާ ކަމަށެވެ.
"މިއީ ހަގީގަތުގައި މި ދެ އަވަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއް. މީދު އާއި ހުޅުދޫގައި ވެސް އެމްއައިބީގެ ގިނަ ކަސްޓަމަރުންތަކެއް އެބަތިބި. އެކަމަކު އޭޓީއެމެއް ނުހުންނާތީ ރަށުގައި ތިބެގެން ފައިސާ ވިތުޑްރޯކުރެވޭ ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ. "ނަމަވެސް މިހާރު އެކަން ހަމަޖެހޭނެކަމުގެ ޔަގީންކަން ލިބުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު އުފަލެއް. މީގެ ސަބަބުން އެމްއައިބީގެ ކަސްޓަމަރުން ހުޅުދު އާއި މީދޫގައި އިތުރު ވެސް ވާން ފަށާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ."
އެމްއައިބީން މިއަދު ވަނީ އޭޓީއެމް ބެހެއްޓުމަށް ފަހު، ކޮންމެ މަހަކު އެއް ފަހަރު އެ އަވަށަށް އެ ބޭންކްގެ އެހެނިހެން ހިދުމަތްތައް ކަސްޓަމަރުންނަށް ދޭން ޒިޔާރާތްކުރަން ނިންމާފައިވާކަމުގެ ޔަގީންކަން ވެސް މީދު އާއި ހުޅުދޫ ކައުންސިލަރުންނަށް ދީފަ އެވެ.
މި ވަގުތު އައްޑޫގައި ހުންނަނީ އެމްއައިބީގެ ދެ އޭޓީއެމެވެ. އެއީ ހިތަދޫ ބްރާންޗްގައި ބަހައްޓާފައި ހުންނަ އޭޓީއެމާއި ފޭދޫ ބަނދަރުމަތީގައި ހުންނަ އޭޓީއެމެވެ.
އެމްއައިބީގެ ބްރާންޗެއް އައްޑޫގައި ހުޅުވީ 2014 ގަ އެވެ.