Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ކަރަންގެ އާ ފިލްމުން ޔާޝް އަށް ޓްރިބިއުޓެއް

ލޯބީގެ ފިލްމުތައް ގެނެސްދީގެން ބޮލީވުޑްގައި "ކިންގް އޮފް ރޮމޭންސް" ގެ ނަމުން މަޝްހޫރުވި ކުރީގެ ޑައިރެކްޓަރު ޔާޝް ޗޯޕްޅާ އަށް ޑައިރެކްޓަރު ކަރަން ޖޯހަރް ވަރަށް ހާއްސަ ޓްރިބިއުޓެއް ދޭން ނިންމައިފި އެވެ.

އެ ޓްރިބިއުޓަކީ މި އަހަރުގެ އެޕްރީލް 28 އަށް ތާވަލުކޮށްފައި އޮތް އޭނަގެ ލޯބީގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ޔާޝްގެ ސްޓައިލްގެ ލޯބީގެ ލަވައެއް ހިމެނުމެވެ. އެގޮތުން ބަތަލާ އާލިއާ ބަޓާއި ރަންވީރު ސިންގްއާ އެކީ އެ ލަވައިގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ޔޫރަޕްގެ އެކި ލޮކޭޝަންތަކުގަ އެވެ. އަދި އެ ލަވައިގައި ޔާޝްގެ ފިލްމުތަކުގައި ބަތަލާއިން ބޭނުންކޮށްފައިވާ ކަހަލަ ހިތްގައިމު ކޮސްޓިއުމްތަކާއި ހިތްގައިމު ލޮކޭޝަންތަކެއް ވެސް ދައްކުވައި ދޭނެ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މި ލަވަ އަކީ އެ ފިލްމުން މިހާރު ޝޫޓްނުކުރެވި ބާކީ އޮތް ހަމައެކަނި މަސައްކަތެވެ. އެކަން މަޑުޖެހުނީ އާލިއާ މިދިޔަ އަހަރު ބަލިވެއިނުމާ ގުޅިގެންނެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ވިހޭ ބަތަލާ މިހާރު އަންނަނީ ކަރަންގެ ފިލްމުގެ ޝޫޓިން ފެށި އިރު، ހުރި ބައްޓަމަށް ރުޖޫއަވާން މަސައްކަތްކުރަމުންނެވެ.

"ޗާންދުނީ" އާއި "ލަމްހޭ" އާއި "ސިލްސިލާ" އާއި "ކަބީ ކަބީ" އާއި "ޑަރް" އާއި "ދިލް ތޯ ޕާގަލް ހޭ" އަދި "ވީރު-ޒާރާ" ފަދަ ފިލްމުތައް ގެނެސްދިން ޔާޝް ވަނީ 2012 ގައި މަރުވެފަ އެވެ. އޭނަގެ އެންމެ ފަހު ފިލްމަކީ އެ އަހަރުގެ "ޖަބް ތަކް ހެ ޖާން" އެވެ.

ޔާޝް އަކީ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އާއި "މުހައްބަތޭ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާގެ ބައްޕަ އެވެ. އަދިތިޔާ އަކީ ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ކަރަންގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކާސްޓްގައި ދަރުމެންދުރާ އާއި ޝަބާނާ އާޒްމީ އަދި ޖަޔާ ބައްޗަން ވެސް ހިމެނެ އެވެ. ކަރަން ބުނެފައިވާ ގޮތުގައި މި ފިލްމަކީ އޭނަ ޑައިރެކްޝަނަށް ނުކުތް 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ސްޓައިލްގެ ވަރަށް އުފާވެރިކަން ގެނެސްދޭ ކަހަލަ ފިލްމަކަށް ވާނެ އެވެ.

ކަރަންގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.