Last Updated: May 7, 19:52
Tuesday, May 7, 2024
ޚަބަރު ބިން ހިއްކުން

މާދަމާ އައްޑޫ ބިން ހިއްކަން ފަށަނީ

ވެން އޫޑް ކުންފުނިން ކުރިއަށް ގެންދާ އައްޑޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މާދަމާ ފަށާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިމަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު މިދިޔަ ހަފްތާގައި އައްޑޫއަށް ވަނީ ގެނެސްފައެވެ. އަދި މިމަސައްކަތަށް ސައިޓް ތައްޔާރު ކުރަމުންދާއިރު، މިމަސައްކަތާއި ގުޅޭ ގޮތުން އައްޑޫސިޓީ ކައުންސިލާއި ވެސް މިއަދު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ބިން ހިއްކުމުގެ މަސައްކަތް އޯގަސްޓް މަހު ތެރޭ ނިންމާލާނެ!

ވެން އޫޑް ކުންފުނިން ކުރިއަށް ގެންދާ އައްޑޫ ބިން ހިއްކުމުގެ މަސައްކަތާއި ގުޅޭގޮތުން "އައްޑޫލައިވް" އަށް ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސާދިޤް ވިދާޅުވީ، ފުރަތަމަ މަސައްކަތް ކުރިއަށް ގެންދަން ފަށާނީ ހަންކެޑެ ބްރިޖް ސަރަހައްދުގައި ކަމަށެވެ. މިގޮތުން ހަންކެޑެ ހުޅަނގު ފަރާތުން ބްރިޖު އެޅުމަށް ހަމަޖެހިފައިވާއިރު، މި ބްރިޖް ހިތަދޫ ކޮޅުން ގަނއުކެނޑި ސަރަހައްދުން އަދި މަރަދޫ ކޮޅުން ގުޅޫވާލާނީ ވެން އޫޑްގެ ފަރާތުންނެވެ.

ޕެލްނީންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސާދިޤް / ފޮޓޯ: އައްޑީޫލައިވް

މިމަސައްކަތަށް ބޭނުންވާ ވެލި ނަގާނެ ދެ ސަރަހައްދެއް މިހާރު ކަނޑައެޅިފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ. މިގޮތުން ހިތަދޫ ގުޅޭ ސަރަހައްދު ހިއްކުމަށް ވެލި ނަގާނީ، އާރްއޭފް ދިމާލުން ހިއްކަން އޮތް ސަރަހައްދުންނެވެ. އަދި މަރަދޫ ކޮޅުން ގުޅުމަށް ވެލި ނަގާނީ މަރަދޫ ކޮޅުން ހިއްކަން ކަނޑައެޅިފައިވާ ދިމާލުން ކަމަށް ސޯބެ ވިދާޅުވިއެވެ.

މިމަޝްރޫޢުގެ މަސައްކަތް މާދަމާ ފަށާއިއިރު، މިމަސައްކަތަށް ބޭނުންވާ އީއައިއޭ ތައްޔާރު ކުރެވި އެޕްރޫވް ކޮށްފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ހާމަކުރެއެވެ. އަދި ސަރަހައްދުގެ ޝޯރ ޕްރޮޓެކްޝަނާއި އެއްކޮށް ކުރިއަށް އޮތް ދެ ހަފްތާ ދުވަހުގެ ތެރޭ މަސައްކަތް ނިމޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

އެއަށް ފަހު ހިއްކަން ކަނޑައެޅިފައިވާ ސަރަހައްދުގެ ބަންޑް ވޯޅް ޖެހުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ސޯބެ ވިދާޅުވިއެވެ. މިއާއެކު ކުރިއަށް އޮތް ހަތަރު މަސް ދުވަހު މަސައްކަތް ކޮށް މޭއި މަހުގެ ނިޔަލަށް މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އަދި ޖޫން އެހައިތާ ބޯޓު އައިސް ބަންޑް ވޯލް ނިމޭ ސަރަހައްދުތައް ހިއްކައި އޯގަސްޓް މަހުގެ ތެރޭ މަޝްރޫޢު އެއްކޮށް ނިންމާލުމަށް މިހާރު އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ.

އައްޑޫ ބިން ހިއްކުމަށް ވެން އޫޑް ގެނެސްފައިވާ ސާމާނު / ފޮޓޯ:: އައްޑޫީލައިވް

މިއީ ސަރުކާރުން 1.3 ބިލިއަން ރުފިޔާ ޙަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. އިންޑިއާގެ އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓްގެ ތެރެއިން ހިންގާ މަޝްރޫއެކެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ
* ޖުމްލަ 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ މިމަޝްރޫޢުގެ ސަބަބުން ކުރިއަށް އޮތް 50 އަހަރަށް އައްޑޫއަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.