އަންނަ މަހު އޮލިމްޕަސް ސިނަމާ އަށް ގެންނަން ތައްޔާރުވަމުން އަންނަ ފިލްމު "ބީވީމާ" ގެ ޕްރީމިއާ ޝޯ މިހާރު ފުލްވެފައިވާ ކަމަށް އެ ފިލްމު ގެނެސްދޭ ޑާކް ރެއިން އެންޓަޓައިންމަންޓުން ބުނެފި އެވެ.
އަންނަ މަހުގެ 6 ގައި އަޅުވަން ހަމަޖެހިފައިވާ މި ފިލްމަކީ 2020 ގެ ފަހުން އޮލިމްޕަހަށް އަންނަ ފުރަތަމަ ފިލްމެވެ. ކޮވިޑްގެ ހާލާތު ރާއްޖޭގައި ގޯސްވާން ފެށުމުން އެ އަހަރުގެ މާޗް މަހުގެ ކުރީކޮޅު އޮލިމްޕަސް ބަންދުކުރީ އެތަނުގަައި އަލީ ސީޒަންގެ "އަނދިރިކަން" އަޅުވާފައި އޮއްވަ އެވެ. އޭގެ ފަހުން މިހާތަނަށް އައި އިރު، އެ ސިނަމާގައި އެއްވެސް ފިލްމެއް އަޅުވައިފައެއް ނުވެ އެވެ.
ޑާކް ރެއިނުން "ބީވީމާ" ގެ ޕްރޮމޯޝަނަލް ހަރަކާތްތައް މިހާރު ކުރިއަށްދާ އިރު، ފިލްމުގެ ޓިކެޓް އަންނަނީ ބުކްކޮށް ދެމުންނެވެ. އެގޮތުން ޕްރީމިއާ ޝޯ ފިލްވެފައިވާ އިރު އަންނަ މަހުގެ 9 ވަނަ ދުވަހުގެ ރޭ ޝޯ ވެސް މިހާރު އޮތީ ފުލްވެފަ އެވެ. އެކަމަކު އަންނަ މަހުގެ 7 އާއި 8 ގެ ޝޯތަކުން ޓިކެޓް ލިބެމުން އެބަހުރި ކަމަށް އެ ސްޓޫޑިއޯ އިން ބުންޏެވެ.
"ބީވީމާ" އަކީ ސްކްރީން ރައިޓަރު އަހުމަދު ޒަރީރު ލިޔެ، ޑައިރެކްޓްކޮށްފައިވާ ޑްރާމާ ފިލްމެކެވެ. މީގައި ދައްކުވައި ދެނީ ކުޑައިރު އެކީގައި އުޅުނު ދެ މީހެއްގެ ދެ ދައުރެވެ. "ބީވީމާ" އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ފުރަތަމަ ފިލްމެވެ. އޭނަގެ ފުރާވަރު ދުވަސްވަރުން ފިލްމުގައި ފެންނާނީ އަރަމުން އަންނަ ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) އެވެ. އަދި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ގެ ފުރާވަރުގެ ރޯލުން ފެންނާނީ އަލަށް ތައާރަފުކުރާ އާދަމް ޒިދާނެވެ.
ޑާކް ރެއިނުން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2019 ގެ "މާމުއި" އެވެ.