އިރާންގައި ކުރިއަށްދާ މުޒާހަރާތަކަށް ހިތްވަރު ދިން މައްސަލާގައި މިދިޔަ މަހު ހައްޔަކުރި އެ ގައުމުގެ މަޝްހޫރު ބަތަލާ ތަރާނޭ އަލިދޫސްތީ ދޫކޮށްލައިފި އެވެ.
މީޑިއާތަކުން ބުނީ އޭނާ އިއްޔެ ދޫކުރީ ކަފާލާތުގެ ދަށުން ކަމަށެވެ. ތަރާނޭ ޖަލުން ދޫކޮށްލުމުން އޭނަ އަށް މަރުހަބާ ކިޔަން ތެރެހާންގެ އެވިން ޖަލުގެ ކައިރި އަށް ފޭނުންތަކެއް އެއްވެ، މާބޮނޑި ވެސް ދީފައިވެ އެވެ. ދެހާސް ސޯޅައިގެ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ބޭރު ފިލްމުގެ އެވޯޑް ހޯދި "ދަ ސޭލްސްމޭން" ގެ ރޯލެއް ކުޅުނު ތަރާނޭ ހައްޔަރުކުރީ އިރާންގެ ކުރިއަށްދާ މުޒާހަރާތަކަށް ހިތްވަރު ދީ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓަކާ ގުޅިގެންނެވެ. އަދި އެކަމާ ގުޅިގެން އޭނާ ހައްޔަރުކޮށް، އެކައުންޓް ބޭނުން ނުކުރެވޭ ގޮތަށް ވެސް ހަދާފައިވެ އެވެ.

ތަރާނޭގެ ޕޯސްޓްގައި އިރާންގެ ސަރުކާރުން މުޒާހަރާކުރާ މީހުން ހިފައި ހައްޔަރުކޮށް، ލާއިންސާނީ އަނިޔާތައް ދީ، ހައްގަކާ ނުލައި މީހުންގެ މައްޗަށް ދައުވާކޮށް މަރުގެ ހުކުމް ވެސް އިއްވައި އެފަދަ ހުކުމްތައް ތަންފީޒު ކުރަމުންދާ އިރު، ބައިނަލްއަގުވާމީ ޖަމާއަތްތަކުން އެކަމާ އަޅާނުލައި ހިމޭނުން އޮންނާތީ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މިފަދަ މޭރުންތަކުން ތަރާނޭ ވާހަކަ ދެއްކުމުން އޭނަ ހައްޔަރުކުރީ ސާބިތު ނުހިފޭ ވާހަކަތައް ފަތުރަައި، ފިތުނަ އުފައްދަން އުޅޭ ކަމަށް ތުހުމަތުކޮށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި 16 ގައި އިރާންގެ ފެށި މުޒާހަރާތަކާ ގުޅިގެން މިހާތަނަށް އެތައް ބަޔަކު މަރުވެފައިވާ އިރު، އެތައް ބަޔަކު ހައްޔަރުކޮށް ތަފާތު އެތައް ދައުވާތަކެއް އުފުލާފައިވެ އެވެ. އަދި މުޒާހަރާކޮށްގެން ހައްޔަރުކުރި ދެ މީހަކަށް މިހާތަނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވެ އެވެ.
އިރާންގައި މުޒާހަރާތައް ފެށުނީ ފެށީ މަހްސާ އަމީނީ ކިޔާ 22 އަހަރުގެ އަންހެނަކު ބުރުގާ ނާޅައި އުޅުމުން ފުލުހުން އޭނަ ހައްޔަރުކޮށް ދިން އަނިޔާތަކާ ގުޅިގެން، ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވުމާ ގުޅިގެންނެވެ.