Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ރިޓަޔަކުރާށޭ ބުނީމަ ދިން ޖަވާބަކީ މިއީ

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ދެން ރިޓަޔާކުރާށޭ ބުނި މީހަކަށް ފިނި ޖަބާވެއް ދީފި އެވެ.

މި މަހުގެ 25 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ޕަތާން" ގެ ޕްރޮމޯޝަންގެ ތެރެއިން ޓްވިޓާގައި "އާސްކް އެސްއާރްކޭ"
ގެ ނަމުގައި ކުރިއަށް ގެންދިޔަ ސެޝަނެއްގައި ރައުޑީ ކިޔާ މީހަކު ޝާހްރުކް ގާތު ބުނީ "ޕަތާން" އޮތީ މިހާރު ވެސް ބޮޑު ހާޖާނުގަނޑަކަށްވެފައިވާ ކަމަށެވެ. އެހެންވެ ދެން ރިޓަޔާކުރާށޭ ބުންޏެވެ.

އޭގެ ރައްދުގައި ވަރަށް ކުރުކޮށް ފޮނިކޮށް އަދި އެހާމެ ފިނިކޮށް ޝާހްރުކް، 57، ދިން ޖަވާބަކީ މިއެވެ؛ ކޮއިފުޅާ އެވެ. ބޮޑެތި މީހުންނާ ތި ގޮތަށް ވާހަކަ ދައްކަން ނުވާނެއޭ އެވެ.

ޝާހްރުކަކީ އަބަދު ވެސް އޭނަ އަށް ރައްދުކޮށް ބުނާ އެފަދަ އެއްވެސް އެއްޗެއް އެހާ ސީރިއަސްކޮށް ނަގާ ތަރިއެއް ނޫނެވެ. އަދި މި ފަހަރުގެ "އާސްކް އާރްކޭ" ގައި ވެސް ގިނަ މީހުން އޭނައާ ކުރި ސުވާލުތަކަށާއި ބުނެފައިވާ އެއްޗިއްސަށް ދީފައި ހުރީ މުޅިންހެން ލާނެއް އަދި ސަމާސާ މިޒާޖުގެ ޖަވާބުތަކެވެ.

އެހެންވެ ބައެއް މީހުން "ތި ކަހަލަ ސެންސް އޮފް ހިއުމާއެއް ހޯދީ ކޮން ތާކުންތޯ" ވެސް އަހާފައިވެ އެވެ.

"ޕަތާން" އަކީ 2018 ގެ "ޒީރޯ" ގެ ފަހުން ރިލީޒްވާ ޝާހްރުކްގެ ފުރަތަމަ ފިލްމެވެ. ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިިވާ މި ފިލްމަކީ އެކްޝަން ތުރިލާއެކެވެ. މި މަހުގެ 10 ގައި ޓްރެއިލާ ރިލީޒްކުރަން ތައްޔާރުވާ ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.