Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

އިންޑިއާގެ ފެސްޓިވަލަކަށް ހުޅުވާލައިފި

އިންޑިއާގައި އަންނަ މަހު ބާއްވާ ފެސްޓިވަލެއްގައި ބައިވެރިވާން ރާއްޖެ އަށް ފުރުސަަތު ލިބިފައިވާތީ އޭގައި ރާއްޖޭގައި ސަގާފަތް ދައްކުވައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.

އެތަނުން ބުނީ މިއީ "36 ވަނަ ސޫރަޖްކުންދު އިންޓަނޭޝަނަލް ކްރާފްޓްސް މޭލާ" ފެސްޓިވަލް ކަމަށާއި މިއީ އިންޑިއާގެ ސޫރަޖްކުންދު މޭލާ އޮތޯރިޓީ އެންޑް ހަރިޔާނާ ޓޫރިޒަމާއި ޔޫނިއަން މިނިސްޓްރީ އޮފް ޓޫރިޒްމް، ޓެކްޓައިލްސް، ކަލްޗަ އެންޑް އެކްސްޓާނަލް އެފެއާޒް ގުޅިގެން އަންނަ މަހުގެ 3-19 އަށް ބާއްވަން ހަމަޖެހިފައިވާ ފެސްޓިވަލެއް ކަމަށެވެ.

އެހެންވެ މީގައި ބައިވެރިވާން ބޭނުންވާ ދިވެހިންނަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 12 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 3313456 ނަމްބަރުން ހޯދޭނެ އެވެ.

އެންސީއޭ އިން ބުނީ ފެސްޓިވަލްގައި ރާއްޖޭން ބައިވެރިވާ ޓީމްގެ 9 މީހަކަށް އިންޑިއާގައި ތިބުމާއި ކެއުމާއި އަދި އިންޑިއާގެ އެތެރޭގެ ދަތުރުފަތުރު ފެސްޓިވަލް އިންތިޒާމު ކުރާ ފަރާތްތަކުން ހަމަޖައްސައިދޭނެކަން އަންގާފައިވާ ކަމަށެވެ.

"36 ވަނަ ސޫރަޖްކުންދު އިންޓަނޭޝަނަލް ކްރާފްޓްސް މޭލާ" ގައި ބައިވެރިވާން ރާއްޖެ އަށް ދައުވަތު ދީފައި ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ މެދުވެރިކޮށެވެ.