Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

މިހިރީ މޮޅުވާނެ ކެންޑިޑޭޓްގެ ފަހަތުގައި: މީކާއިލް

މީކާއީލް އަހުމަދު ނަސީމް-

ޕްރައިމަރީގައި މޮޅުވާނެ ކެންޑިޑޭޓްގެ ފަހަތުގައި ހުރި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށް ރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ކަންކަމުގައި ފާޑު ކިޔަންވާނެ ކަމަށާއި، އެހެންނަމަވެސް ފާޑު ކީކީނުން އެކީގައި ނުތިބެވޭނެ މިންވަރަށް ފާޑު ކިޔައިގެން ނުވާނެ ކަމަށެވެ.

މީކާއިލް ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގައި މެމްބަރުން، އަމިއްލައަށް ލިޔެފައިވާ އުސޫލުތައް މުގުރާ ހިސާބަށް ދާވަރަށް ފާޑުކިޔައިގެން ވެސް ނުވާނެ ކަމަށެވެ.

"އަޅުގަނޑު މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރަން މިނިންމަނީ އަދި ނިންމައިގެން މިހުރީ، އެއީ މިޕާޓީގެ އަސާސްތަކާއި އުސޫލުތައް، ލިޔެވިފައިވާ އަސާސްތަކާއި އުސޫލުތައް ދެން ނެގެހެއްޓޭނީ އެމަނިކުފާނާ އެކުގައި ކަމަށް އަޅުގަނޑަށް ޔަގީން ކުރެވޭތީ." މީކާއިލް ވިދާޅުވިއެވެ.

މީގެއިތުރުން މީކާއިލް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިމަތިވި ބިރުވެރި އަދި ނާމާންކަމާ ކުރިމަތިލާން ބޭނުން ނުވާ ކަމަށެވެ. އެކަންކަން ދެން ތަހައްމަލު ނުކުރެވޭނެ ކަމަށާއި، އިތުރަށް އެ ފުރުސަތު ދޭން ބޭނުންނުވާ ކަމަށެވެ.

މީކާއިލް ވިދާޅުވީ ރައީސް ސޯލިހަކީ މި ޕްރައިމަރީ ކާމިޔާބު ކުރާނެ ކެނޑިޑޭޓް ކަމަށާއި އަދި ރައީސް ސޯލިހަކީ ތަފާތު ފިކުރަތަކުގެ މީހުން އެއް ކުރެވޭނެ ހިކުމަތްތެރި ކެންޑިޑޭޓެއް ކަމަށެވެ.

"އެހެންވީމާ، އަޅުގަނޑުމެން މިތިބީ ވިނިން ކެންޑިޑޭޓްގެ ފަހަތުގައި، އަޅުގަނޑުމެން މިތިބީ އިލެކްޓަބަލް ކެންޑިޑޭޓްގެ ފަހަތުގައި، އަޅުގަނޑުމެން މިތިބީ ތަފާތު ހިޔާލުތަކުގެ ތަފާތު ފިކުރަތަކުގެ މީހުން އެއްކުރެވޭނެ ހިކުމަތްތެރި ކެންޑިޑެޓްގެ ފަހަތުގައި." މީކާއިލް ވިދާޅުވިއެވެ.

ޖެނުއަރީ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައީސް ސޯލިހާ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ދެ ކެނޑިޑޭޓުންވެސް އަންނަނީ ޕްރައިމަރީއަށް ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.