Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އެމެޒޯނުން 18،000 މުވައްޒަފުން މަދުކުރަނީ

ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި، އެެމެޒޯނުން މިދިޔަ އަހަރު ވެސް ގިނަ އަދަދެއްގެ މުވައްޒަފުން މަދުކޮށްފައި ވަނިކޮށް އަނެއްކާ ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ނިންމައިފި އެވެ.

މިކަން ކަށަވަރުކޮށް ދެމުން އެ ކުންފުނީގެ ސީއީއޯ އެންޑީ ޖެސީ ވިދާޅުވީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން 18،000 އެއްހާ މުވައްޒަފުން މަދުކުރަން ނިންމާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ވެސް އެމެޒޯނުން ގާތްގަނޑަކަށް 10،000 އެއްހާ މުވައްޒަފުން މަދުކުރި އެވެ.

އާ އަހަރާ އެކީ 18،000 މުވައްޒަފުން މަދުކުރަން ނިންމި އިރު މިއީ 300،000 މުވައްޒަފުން ތިބި ކުންފުނީގެ މުވައްޒަފުންގެ 6 ޕަސެންޓެވެ. މުވައްޒަފުން މަދުކުރަން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އެމެޒޯންގެ ފިހާރަތަކުގެ އޮޕަރޭޝަންތަކާއި ޕީޕަލް، އެކްސްޕީރިއަންސް އެންޑް ޓެކްނޮލޮޖީ ހިމެނެ އެވެ.

އެންޑީ ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ދޫކޮށްލަން ނިންމާފައިވާ އިރު، އެ މީހުންނަށް ތަފާތު އެކި އިނާޔަތްތައް ހަމަޖައްސައިދޭނެ އެވެ. އޭގެ ތެރޭގައި އެމެޒޯންއާ ގުޅުން ހުރި އެހެން ދިމާތަކުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމާއި ޓްރާންސިޝަނަލް ހެލްތު އިންޝުއަރެންސް ފަދަ ކަންކަން ހިމެނެ އެވެ.

"އަހަރެމެން ދޫކޮށްލާ މުވައްޒަފުންނަށް އިތުރު ގޮތްތަކެއް ހޯދައިދޭން މިހާރު ބައެއް ކުންފުނިތަކަކާ އެކީ މަޝްވަރާ ވެސް އެބަކުރެވޭ،" އެންޑީ ވިދާޅުވި އެވެ. "ހާއްސަކޮށް ޔޫރަޕްގެ މުވައްޒަފުން."

އެމެޒޯނުން ބުނި ގޮތުގައި ހަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރުމަކީ ކުރަން މަޖުބޫރު ކަމެކެވެ. ސަބަބަކީ ދުނިޔޭގެ އިގުތިސާދީ ހާލަތު ވެސް މިހާރު ހުރި ގޮތުން ދެމެހެއްޓިނިވި ގޮތަކަށް ވިޔަފާރި ބައްޓަންކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާތީ އެވެ.