Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

ސްޕޯޓް މެނޭޖްމަންޓް ކޯހަކަށް ބައިވެރިން ހޯދަނީ

ޔޫތު މިނިސްޓްރީގެ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ކުރިއަށް ގެންދަން ނިންމާފައިވާ ސްޕޯޓް މެނޭޖްމަންޓްގެ ޑިޕްލޮމާ ކޯހަކަށް ބައިވެރިން ހޯދަން އިއުލާންކޮށްފި އެވެ.

މިނިސްޓްރީން ބުނީ މުޅިން ހިލޭ އަހަރު ދުވަހުގެ މުއްދަތަށް ދެ ސެމިސްޓަރަށް ހިންގަން ހަމަޖެހިފައިވާ ކޯހުން 35 މީހަކަށް ޖާގަ ދޭން ހަމަޖެހިފައިވާ ކަމަށެވެ. އަދި ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަތު މި މަހުގެ 12 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ކޯހަށް އެދޭ ފޯމް ޔޫތު މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ލިބޭނެ އެވެ.

ކޯހުގެ ޝަރުތަކުގެ ތެރޭގައި އޭ ލެވެލް އިމްތިހާނުން ތިން މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން ނުވަތަ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓްފިކެޓް ލެވެލް 4 ގެ ފާހެއް އޮތުން ނުވަތަ ޑިޕްލޮމާ ރޮގްރާމަށް ފާސްކޮށްފައިވާ ލެވެލް 4 ގެ ފައުންޑޭޝަން ސްޓަޑީ ޕްރޮގްރާމެއް ހާސިލުކޮށްފައިވުން ހިމެނެ އެވެ. ނޫނީ ގްރޭޑް 6-10 އަށް ކިޔަވާފައިވުމާއި ކުޅިވަރާއި ގުޅުންހުރި ދާއިރާއަކުން ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

ކޯސް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1 ގަ އެވެ.