ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ މައްސަލަތަކުގައި މިދިޔަ އަހަރު 32 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ނިމުނު 2022 ވަނަ އަހަރު ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތައް ހުއްޓުވުމަށް 25 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އޭގެތެރެއިން 14 އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއް ކަމަށާއި، އަނެއް 11 އޮޕަރޭޝަނަކީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއް ކަމަށް މައުލޫމާތު ދީފައިވެއެވެ.
މި އޮޕަރޭޝަންތަކުގައި ޖުމުލަ 32 މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ 6 ދިވެހިންނާއި 26 ބިދޭސީންނެވެ. ފުލުހުން ބުނެފައިވަނީ ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ މައްސަލަތަކުގައި މިދިޔަ އަހަރު 28 މީހަކު ޑީޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ 11 މައްސަލައެއް މިދިޔަ އަހަރު ތަހުގީގު ކުރި ކަމަށާއި، އޭގެ ތެރެއިން 6 މައްސަލައެއްގެ ތަހުގީގު އަދިވެސް ކުރިއަށްދާއިރު ދެ މައްސަލައެއް ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ. އަދި ތިން މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.