އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ އައްޑޫގައި ކުޅޭ ފަހުމެޗަށް އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ އިރު މިއަދުވެސް ޓިކެޓްގެ ކަންތައް ބޮޑުވާނެކަމަށް ލަފާކުރެވެއެވެ.
މުބާރާތުގެ ޓިކެޓް އެސްޓިއޯއިން ގަނެ، ބަހަމުންދާއިރު ޓިކެޓް ހޯދުމަށް ފާއިތުވި ކޮންމެ މެޗެއްގައިވެސް އެތައް ބަޔަކުވަނީ ދަނޑު ގޭޓަށް ގޮސްފައެވެ. ނަމަވެސް އޭގެ ތެރެއިން މެޗް ބަލަން އެތެރެއަށް ވަދެވެނީ މަދުބަޔަކަށެވެ.
އައްޑޫގައި ބައިނަލް އަގްވާމީ މުބާރާތެއް ބާއްވަމުން އަންނަ އިރު އެތައް ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އެންމެ ބޮޑު މައްސަލައަކީ ޓިކެޓް ނުލިބިގެން މެޗް ބަލަން އެތެރެ ނުވުމެވެ. އޭގެ ބަދަލުގައި ސިޑި ބަރި ފެންނަނީ މުޅިން ކަހަލަ ގޮތަކަށް ހުހަށް އޮންނަ ތަނެވެ.
އެފްއޭއެމްގެ ފަރާތުން އައްޑޫގައި އިސްކޮށް ހަރަކާތްތެރިވާ އަހްމަދު މަރުޒޫގު (މަރާ) ބުނީ ތުރުކަމަނިސްތާން އާއި، އަފްއާން ކުޅުނު ފޯރިގަދަ މެޗް ބަލަން 820 މީހުން ވީއައިޕީން ނުލާ ސިޑި ބަރީގައި ތިބިކަމަށެވެ.
"އަޅުގަނޑުމެން ބެލިން އަފްޢާން މެޗްގައި ކިހިނެއްތޯ މިވަނީ. ބެލިއިރު ގާތްގަޑަކަށް 820 މީހުން ދަނޑަށް ވަދެ ތިބި. އެކަމކުވެސް ސިޑި ބަރީގައި ހުސް ޖާގަހުރި. އަޅުގަނޑުމެން ބެލި ބެލުމުން އަދިވެސް އިތުރަށް ސިޑިބަރީގެ ކޮންމެ ކޮޅަކަށް 600އެއްހާ މީހުންނަށް ފަސޭހައިން ތިބެވޭނެ ޖާގައެބައޮތް"
މިއަދު އަފްއާން އާއި ލާއޯސް ކުޅޭ މެޗްގެ ޓިކެޓްވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ މެޗް ފެށުމުގެ އެެއްގަޑިއިރު ކުރިން ދަނޑު ގޭޓުންނެވެ.
ޗެލެންޖް ކަޕް ގްރޫޕް ބީގެ މެޗަތައް ބަލަން ވަންނަ މީހުން ވާރެއާއި ތެމިގެން ސިޑި ބަރީގައި މެޗްބަލަން ތިބޭތަން ފެނެއެވެ. އެހެންވެ މެޗް ބެލުމަށް މީހުން ޝައުގުވެރިކަން ހުންނަ މިންވަރު ފެނެއެވެ.
ދަނޑު ބޭރުގައި ޓިކެޓް ނުލިބިގެން ހުރި މީހަކު ބުނީ މައްސަލައަކީ ޓިކެޓް ނުވިއްކޭނެ ކަމަށް ބަލައިގެން އެސްޓިއޯއަށް ޓިކެޓް ވިއްކުން ކަމަށެވެ. އެހެން ނޫންނަމަ މިމައްސަލަ ކުރިމަތި ނުވާނެކަމަށެވެ.
"އަޅުގަނޑުމެންނަކީ 25 ރުފިޔާ ދީފައި ޓިކެޓް ނުގަނެވޭނެ ވަރު ބައެއް ނޫން. މީދެން މަލާމާތަކަށް ނޫނީ ޖެއްސުމަކަށް ކޮށްފައި އޮތް ކަމެއް"
އައްޑޫ ސްޓޭޑިއަމްގައި ކުޅޭ ތާރީހީ ފަހުމެޗަށް އިންތިޒާރު ކުރަމުން އަންނަ އިރު އަދިވެސް ގިނަ ބަޔަކު އުއްމީދު ކުރަނީ ދަނޑުގެ ހުހަށް ހުރި ތަނަށް ކޮންމެ ވެސް ގޮތަކުން ވަދެ އިށީދެލައިގެން މެޗް ބަލާލެވޭނެ އިންތިޒާމެއް އެފްއޭއެމްއަށް ހަމަޖައްސައި ދެވޭތޯއެވެ.