Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

އަލިފުށި އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅައިފި

ރ. އަލިފުށީ އެއަރޕޯޓް ޓަރމިނަލްގެ ބިންގާ މިއަދު އަޅައިފި އެވެ.

އަލިފުށީގައި ބޭއްވުނު މި ރަސްމިއްޔާތުގައި، އެއަރޕޯޓް ޓަރމިނަލްގެ ބިންގާ އަޅުއްވައިދެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިންއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އަލިފުށީ ކައުންސިލް ރައީސް އާދަމް އިމްރާނެވެ.

އަލިފުށީ އެއަރޕޯޓް ތަރައްީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. މި މަސައްކަތް ހަވާލުކުރީ ބިން ހިއްކުމާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތާއެކު އެވެ.

އަލިފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 50.5 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރެވިގެން ދާއިރު، މި ބިމަކީ ސީދާ ރަށު ފަސްގަނޑާ އެއްފަސްވެގެން ހިއްކޭ ބިމެކެވެ. މި މަޝްރޫޢު ނިމިގެން ދާއިރު އަލިފުށީ ބިމުގެ ސައިޒް ވެސް ދެގުނައަށް ބޮޑުވެ 109 ހެކްޓަރުގެ ބޮޑު ރަށަކަށް އަލިފުށި ބަދަލުވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މިއީ 451 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.