Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ޗެލްސީ އަތުން ސިޓީ އަށް މުހިއްމު މޮޅެއް

ޗެލްސީ 1-0 އިން ބަލިކޮށް ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ ގާތަށް މެންޗެސްޓާ ސިޓީން ޖެހިލައިފި އެވެ.

މި މޮޅާއެކު ސިޓީ އޮތީ 39 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އާސެނަލް އޮތީ 44 ޕޮއިންޓާ އެކު އެވެ. ޗެލްސީ އޮތީ 25 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު ލީޑު ނަގަން ދެ ޓީމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ. އެގޮތުން ޗެލްސީގެ ޒުވާން މިޑްފީލްޑަރު ކާނޭ ޗުކްވުމެކާ ދުރުން ފޮނުވާލި ހަމަލާއެއް ސިޓީގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، ސިޓީގެ ފޯވާޑް އާލިން ހާލަންޑަށް ލިބުނު ހުސް ފުރުސަތު ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ދެވަނަ ހާފްގައި ސިޓީން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ދިޔައީ ޗެލްސީގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖެކް ގްރީލިޝް ތިރިތިރިން ހުރަސްކޮށްލި ބޯޅައެއް ގޯލަށް ފޮނުވާލައިގެން މެޗުގެ 63 ވަނަ މިނެޓްގައި ސިޓީ އަށް ލީޑު ނަގައިދިނީ ރިޔާދް މަހްރޭޒް އެވެ.

ނަތީޖާ އެއްވަރުކޮށްލަން ޗެލްސީ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ އެޓީމުގެ ޒުވާން ޑިފެެންޑަރު ލުވިސް ހޯލް އަށެވެ. ނަމަވެސް ސިޓީގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ރޭގެ މެޗުން ބަލިވުމުން ލީގުގައި އެންމެފަހުން ކުޅުނު 8 މެޗުގެ ތެރެއިން ޗެލްސީ އަށް ހޯދިފައިވަނީ އެންމެ މޮޅެކެވެ.