11 ފަހަރަށް ވޯޓުލައިގެން ވެސް އެމެރިކާގެ މަޖިލީހަށް ރައީސަކު އިންތިހާބު ނުކުރެވި މަޖިލީހުގެ ތިންވަނަ ޖަލްސާ ވެސް ނިންމާލަން ޖެހިއްޖެ އެވެ.
މިދިޔަ ނޮވެމްބަރު މަހު ބޭއްވި އިންތިހާބަށްފަހު އެމެރިކާގެ ތިރިގެ ނުވަތަ ކޮންގްރެސްގެ މެޖޯރިޓީ އިދިކޮޅު ރިޕަބްލިކަން ޕާޓީން ވަނީ ހޯދާފަ އެވެ. އެގޮތުން ކޮންގްރެސްގައި ރިޕަބްލިކަން ޕާޓީގެ 222 މެމްބަރުން ތިބިއިރު ޑިމޮކްރެޓިކް ޕާޓީގެ ތިބީ 212 މެމްބަރުންނެވެ. ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެވޭނީ މަދުވެގެން 218 ވޯޓް ލިބިގެންނެވެ.
ރިޕަބްލިކަން ޕާޓީގެ ފަރާތުން ކޮންގްރެސްގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ ކެވިން މެކާތީ އެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ރިޕަބްލިކަން ޕާޓީގެ 20 މެމްބަރުން ނިކުމެފައިވާއިރު އެ މެމްބަރުން ވަނީ މެކާތީ އަށް އެއްގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މިހާތަނަށް ރައީސަކު އިންތިހާބު ކުރުމަށް ނެގި 11 ވޯޓުގައި ވެސް އެ މެމްބަރުން ވަނީ އޭނާއާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކޮންގްރެސްގެ ރައީސްކަމަށް ވާދަކުރައްވަނީ ހަކީމް ޖެފްރީސް އެވެ.
ކޮންގްރެސް އަށް ރައީސަކު އިންތިހާބު ކުރެވެންދެން ވޯޓަށް އަހަން ޖެހޭއިރު، މެމްބަރުކަމުގެ ހުވާ ކުރެވެން ވެސް އަންނަނީ ރައީސަކު އިންތިހާބު ވެގެންނެވެ. ކޮންގްރެސް އަށް ރައީސަކު ހޮވުމަށް 12 ވަނަ ފަހަރަށް މިއަދު ވޯޓަށް އަހާނެ އެވެ.