ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރްގެ ފުރަތަމަ ވެބް ސީރީޒް "ފަރްޒީ" ގެ ޓީޒާއެއް އާންމުކުރުމަށް ފަހު، އެ ޕްރީމިއާކުރާ ތާރީހު ވެސް މިހާރު އިއުލާންކޮށްފި އެވެ.
އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ހަމަޖެހިފައިވާ ސީރީޒް ޕްރީމިއާކުރާނީ އަންނަ މަހުގެ 10 ގަ އެވެ. މީގައި ޝާހިދާއި ސީރީޒްގެ މައި ވިލަން މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ފެންނާނެ ގޮތުގެ ފަސްޓްލުކް ޕޯސްޓަރުތަކެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
މި ސީރީޒަކީ އެކްޓަރު މަނޯޖް ބަޖްޕާއީއާ އެކީ "ދަ ފެމިލީ މޭން" ގެ ދެ ސީޒަން ގެނެސްދިނުމަށް ފަހު، އެއަށް މިހާރު ވަރުން ދަވަނާ އެކީ "ސިޓަޑެލް އިންޑިއާ" ހަދަން ތައްޔާރީތައް ވަމުން އަންނަ ދެ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.
ބޮޑު ކާސްޓެއް ހިމެނޭ "ފަރްޒީ" ގެ ބަތަލާ އަކީ ދެކުނުގެ މަޝްހޫރު ބަތަލާ ރާޝީ ކަންނާ އެވެ. މިދިޔަަ އަހަރު ގެނެސްދިން އަޖޭ ދޭވްގަންގެ ވެބް ސީރީޒް "ރުދުރާ: ދި އެޖް އޮފް ޑާކްނެސް" ގެ ރޯލެއް ވެސް އޭނަ ކުޅުނެވެ. ރާޝީ އަކީ މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ސިދާތު މަލްއުތުރާ އާއި ޑިޝާ ޕަޓާނީގެ ފިލްމު "ޔޯދާ" ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލާއެކެވެ.
"ފަރްޒީ" ގެ ކާސްޓްގައި ވިޖޭ ސެތުޕަތީ، ކޭކޭ މެނަން، ރެޖީނާ ކެސަންޑްރާ، ޒާކިރު ހުސައިން، ބޫވަން އަރޯރާ، ކުބްރާ ސައިތު އަދި ކުރީގެ އެކްޓަރު އަމޯލް ޕަލޭކަރް ހިމެނެ އެވެ.
ޝާހިދުގެ ފުރަތަމަ ވެބް ސީރީޒް ގެނެސްދޭން ތައްޔާރީތައްވާ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޖާޒީ" އެވެ. ޝާހިދު ކުރިއަށް އޮތް ފިލްމަކީ އަލީ އައްބާސް ޒަފަރުގެ "ބްލަޑީ ޑެޑީ" އެވެ.