Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ސުހާނާ އާއި އަގަސްޓިއާ އަކީ "ލޯބިވެރިން"

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާނާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ ރައްޓެހިގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދެ ސުޕަސްޓާރެއްގެ އާއިލާތަކަށް ނިސްބަތްވާ މި ދެ މީހުން ލޯބީގެ ގުޅިގެން އުޅޭކަމުގެ އަޑުތަކެއް އަރާފައި މި ވަނީ އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމު "ދި އާޗީސް" ގެ ޝޫޓިން ވެސް މިދިޔަ މަހުގެ ތެރޭގައި ނިންމާލާފައި ވަނިކޮށެވެ. ޒޯޔާ އަޚްތަރު ޑައިރެކްޓްކޮށް، މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ސުހާނާ، 22، އާއި އަގަސްޓިއާ، 22، ގެ އިތުރުން ކުރީގެ ބަތަލާ ސްރީދޭވީ ހަގު ދަރިފުޅު ޖާންވީ ކަޕޫރް، 22، ވެސް ބޮލީވުޑަށް ތައާރަފުކުރާ ފިލްމެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސުހާނާ އާއި އަގަސްޓިއާ ޑޭޓްކުރަން ފެށި އިރު، މި ދެ މީހުންގެ މެދުގައި ވަރަށް ކުރިން ފެށިގެން ވެސް ގާތް އެކުވެރި ކަމެއް އޮވެ އެވެ. އަދި އެ ގުޅުން ލޯތްބަށް ބަދަލުވީ "ދި އާޗީސް" ގެ ޝޫޓިންގެ ތެރޭގަ އެވެ. ފާހަގަކޮށްލެވޭ ކަމަކީ އިންސްޓަގްރާމްގައި ސުހާނާ އާއި އަގަސްޓިއާ އެކަކު އަނެކަކުގެ ޕޯސްޓްތަކެއް ވެސް "ލޯބި" ކޮމެންޓްތައް ކުރާ ކަމެވެ. އަދި ފަހަކަށް އައިސް މި ދެ މީހުން އެކީގައި ވަރަށް ގިނައިން ފެންނަ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

އަގަސްޓިއާ އަކީ އަމީތާބްގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަންގެ ދަރިއެކެވެ.

މީޑިއާތަކުން ބުނި ގޮތުގައި އަގަސްޓިއާ އާއި ސުހާނާ ޑޭޓްކުރަމުން އަންނަ އިރު، އެ ގުޅުމަށް ޝްވޭތާގެ ވަރަށް ބޮޑު ރުހުމެއް ވެސް އެބައޮތެވެ. އަނެއްކޮޅުން ޝާހްރުކަކީ ވެސް އާމިތާބްގެ އާއިލާއާ އަބަދު ވެސް ވަރަށް ބޮޑު ގާތް ކަމެއް ބާއްވާ މީހެކެވެ. އަދި އަމީތާބާއި އަންހެނުން ޖަޔާ ބައްޗަނާ އެކީ އޭނަ ފިލްމެއް ވެސް ކުޅެފައިވެ އެވެ. އެއީ ޑައިރެކްޓަރު ކަރަން ޖޯހަރްގެ 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އެވެ.

ޝާހްރުކްގެ ދަރިފުޅު ސުހާނާ އާއި އަގަސްޓިއާފެ ވާހަކަ މީޑިއާތަކުގައި މިހާރު ވަރަށް ހޫނުކޮށް ދެކެވެމުން އަންނަ އިރު، އަޑުތައް އަރާފައިވާ ގޮތުން ސުހާނާގެ ބޭބެ އަރިއަން ޚާން، 25، މިހާރު އުޅެނީ ބޮލީވުޑްގެ މަޝްހޫރު "އައިޓަމް ގާލް" ނޯރާ ފަތުހީއާ ރައްޓެހިވެގެންނެވެ.