Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

ރައީސްގެ ރަސްމީ ދަތުރުތައް ހުއްޓާލަން ޖެހޭ

މި މަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ ނިމެންދެން އޭގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަށްރަށް ކުރައްވާ ރަސްމީ ދަތުރުތައް ހުއްޓަވާލައްވަން ޖެހޭ ކަމަށް ޕީޕީއެމްގެ ސެނެޓް މެމްބަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.

ރައީސް އިއްޔެ ރ. އަލިފުއްޓަށް ފެއްޓެވި ރަސްމީ ދަތުރުގެ ތެރެއިން އެ ރަށުގެ އެމްޑީޕީ ޖަގައެއްގައި ސަޕޯޓަރުންތަކަކާ އެކީ ބޭއްވި ބައްދަލުވުމެއްގެ ފޮޓޯއަކާ އެކު މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮލީ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް ދައުލަތުގެ މާލިއްޔާއިން ކެމްޕޭނު ނުކުރެވޭނެ ކަމަށެވެ.

"ބައި ހަދާލާފައި ކެމްޕޭނަށް ދިއުމުގެ ޚަރަދު ކުރަން ޖެހޭނީ ކެންޑިޑޭޓްގެ ކެމްޕޭން އެކައުންޓުން،" މަލީހު ވިދާޅުވި އެވެ. "މިއީ ބަލަން ޖެހޭ މައްސަލައެއް. ޕްރައިމަރީ ނިމެންދެން މި ބާވަތުގެ ދަތުރު ހުއްޓާލަން ޖެހޭ."

ރައީސާއި އަނބިކަނބަލުން އަދި ސަރުކާރުގެ އިސް ވަފުދެއް އިއްޔެ އަލިފުއްޓަށް ވަޑައިގެންނެވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ރަސްމީ ޖަލްސާއަށެވެ. އެ ޖަލްސާ ރޭ ވަނީ ބާއްވައިފަ އެވެ. އަދި ރައީސް މިއަދު މާލެ ވަޑައިގަންނަވާ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ގަ އެވެ. އޭގައި ރައީސާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.