Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ތޭޒާބް" ގެ ރިމޭކަށް ރަންވީރާއި ޖާންވީ

ކުރީގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓްގެ "ތޭޒާބް" ރިމޭކަށް ރަންވީރު ސިންގް އާއި ޖާންވީ ކަޕޫރް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމުގެ ވާހަކަ ދެކެވެން ފެށިތާ ކުރީކޮޅު ފިލްމަށް ނަގާނީ ކާތިކް އާރިއަނާއި ޝްރަދާ ކަޕޫރް ކަމުގެ އަޑުތަކެއް އެރި އެވެ. ނަމަވެސް ބޮލީވުޑްގެ ޚަަބަރުތައް ގެނެސްދޭ މީޑިއާތަކުން މިހާރު ބުނަމުން އަންނަނީ "ތޭޒާބް"ގެ ރިމޭކް ރަންވީރާއި ޖާންވީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމަކު ފިލްމުގެ ރައިޓްސް ހޯދާފައިވާ ޕްރޮޑިއުސަރު މުރާދު ކެތާނީ މިކަމާ ބެހޭ ގޮތުން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ "ތޭޒާބް" ގެ ބަތަލާގެ ރޯލަށް ޖާންވީ ގެންނަން މަސައްކަތްކުރާ އިރު، ކުރީގެ ފިލްމުގެ ބަތަލު އަނިލް އަކީ ޖާންވީގެ ބޮޑުބޭބެއެއްކަމެވެ. އަނިލް އަކީ ޖާންވީގެ ބައްޕަ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ އެއްބަނޑު އެެއްބަފާ ކޮއްކޮއެކެވެ.

މީގެ 35 އަހަރު ކުރިން ރިލީޒްކުރި "ތޭޒާބް" އިން މަދޫރީ ލީޑިން ބަތަލާއެއްގެ ގޮތުގައި ވިދައިލި އިރު، އޭނަގެ ނެށުމުގެ ޖާދޫގައި ވެސް ބެލުންތެރިން ޖެހުނު މަޝްހޫރު ލަވަ "އޭކް ދޯ ތީން" އަކީ މި ފިލްމުގެ ލަވައެކެވެ. ފިލްމުން މަދޫރީ އަލަށް ފިލްމުފެއާގެ އެންމެ މޮޅު ބަތަލާގެ މަގާމަށް ނޮމިނޭޓް ވެސް ވި އެވެ.

"ތޭޒާބް" އަކީ އެން ޗަންދުރާ ލިޔެ، ޑައިރެކްޓްކުރި އެކްޝަން ރޮމޭންސް ފިލްމެކެވެ. މި ފިލްމުގެ ކާސްޓްގައި ޗަންކީ ޕާންޑޭ އާއި އަނޫޕަމް ކޭރާއި ކިރަން ކުމާރާއި ސުރޭޝް އޮބެރޯއީ އާއި އައްނޫ ކަޕޫރް އަދި ޖޯނީ ލީވާ ވެސް ހިމެނެ އެވެ.