އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ޖިއާންލޫކާ ވިއާލީ މަރުވެއްޖެ އެވެ.
ވިއާލީ ،58، މަރުވީ ޕެންކްރިއެޓިކް ކެންސަރާއި ހަނގުރާމަ ކުރަމުން ދަނިކޮށެވެ.
ވިއާލީ އަށް ކެންސަރު ޖެހިފައިވާކަން އެންމެ ފުރަތަމަ އެނގުނީ 2017 ވަނަ އަހަރު އެވެ. އަދި 2020 ވަނަ އަހަރު ކެންސަރުން މުޅިން ރަނގަޅުވި ނަމަވެސް 2021 ވަނަ އަހަރުގެ ތެރޭގައި ކެންސަރު އަނެއްކާވެސް ޖެހިފައިވާކަން ވިއާލީ އިއުލާންކުރި އެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ވިއާލީ ވަނީ ސިއްހަތަށް ފޯކަސް ކުރުމުގެ ގޮތުން އޭރު އޭނާ އިޓަލީގެ ފުޓްބޯޅަ ޓީމުގައި އަދާކުރަމުންދިޔަ ރޯލުވެސް ދޫކޮށްލާފަ އެވެ.
ނަވާރަސަތޭކަށް އަށްޑިހަ ވަނަ އަހަރު އިޓަލީގެ ކްރެމޮނީސީން ޕްރޮފެޝަނަލް ކެރިއަރު ފެށި ވިއާލީ ވަނީ ސަމްޕްޑޯރިއާ އާއި ޔުވެންޓަސްއާ އެކު އިޓާލިއަން ލީގު ހޯދާފަ އެވެ. އަދި އޭނާ ވަނީ ޔުވެންޓަސްއާ އެކު ޗެމްޕިއަންސް ލީގު، ޔޫއެފާ ކަޕެއް ވެސް ހޯދައިފަ އެވެ.
You’ll be missed by so many. A legend to us and to all of football.
Rest in peace, Gianluca Vialli. 💙 pic.twitter.com/mNJPDkCSYO
— Chelsea FC (@ChelseaFC) January 6, 2023
އިޓަލީގެ ކްލަބްތަކަށް ކުޅުމަށްފަހު ވިއާލީ ދެން ބަދަލުވީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އަށެވެ. ޗެލްސީއާއެކު އެފްއޭ ކަޕަކާއި ލީގު ކަޕެއް ވިއާލީ ހޯދިއިރު ފަހުން އޭނާ ވަނީ ޗެލްސީ އަށް ކޯޗުކަން ވެސް ކޮށްދީފަ އެވެ. ވިއާލީ ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގެ ޓީމަކަށް ކޯޗުކަން ކޮށްދިން އިޓަލީގެ ފުރަތަމަ ކޯޗަށެވެ. ވިއާލީ ވަނީ ޗެލްސީ އަށް ލީގު ކަޕް އަދި ޔޫއެފާ ސުޕަ ކަޕެއް ހޯދާދީފަ އެވެ.
އޭގެ ފަހުން ވޮޓްފޯޑަށް ވެސް ވިއާލީ ކޯޗުކަންކޮށްދިން އިރު 2019 ވަނަ އަހަރުތެރޭ އޭނާ ވަނީ އިޓަލީގެ ގައުމީ ޓީމުގެ ރޯލަކާ ހަވާލުވެފަ އެވެ. އެގޮތުން 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓަލީން ކާމިޔާބު ކުރިއިރު ވިއާލީ ވަނީ މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.