Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ހެރީގެ ފޮތުން: ބޭބެ މާރާމާރީ ހިންގި

އިނގިރޭސި ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ވިލިއަމާއި ހެރިއާ ދެމެދު ގުޅުން ގޯސްވެފައިވާ ވާހަކަ ދެކެވޭތާ އެތައް ދުވަހެކެވެ. ހާއްސަކޮށް ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލްއާ ހެރީ 2018 ގައި ކައިވެނި ބައްލަވައިގަތް ފަހުން އެ ގުޅުމުގެ ލާފައި ރެނދުތައް ގިނަ އެވެ. މިކަމުގައި ހެރީގެ އަނބިކަނބަކުން ކޭޓް މިޑްލްޓަން އާއި މޭގަންއާ ދެމެދު ވާދަވެރި ކަމެއް އުފެދުން ވެސް ހިމެނެ އެވެ.

ޝާހީ އާއިލާ ތެރޭގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އޯޕްރާ ވިންފްރީ އަށް 2020 ހެރީ އާއި މޭގަން ދެއްވި އިންޓަވިއުއިން ވެސް ހާމަވެގެން ގޮސްފައިވެ އެވެ. އަދި އެ އިންޓަވިއުވެފައި ވަނީ ޝާހީ އާއިލާގެ އެތެރޭ ކޮއިލުގެ ހާޖާނުގަނޑާއި އެ އާއިލާގެ ވަރަށް ގިނަ ކަންކަން ބޭޒާރު ވެސްވި ކަމަށެވެ.

މި ފަހަރު އަނެއްކާ ވެސް މިއޮތީ އެެފަދަ އެތައް ވާހަކަ އެވެ. މި ފަހަރު ސީދާ ހެރީ ގަލަމުންނެވެ. އޭނަ ލިޔުއްވާފައި އަމިއްލަ ހަޔާތުގެ ވާހަކަ ކިޔައިދީފައިވާ ގޮތް "ސްޕެއާ" ގައި ވަނީ ގިނަ ވާހަކަތަކެއް ހިއްސާކުރައްވައިފަ އެވެ. އެ ފޮތް މި މަހުގެ 10 ގައި ރަސްމީކޮށް ނެރުމުގެ ކުރިން ލީކްވެ، އޭގައި ހިމެނޭ އެތައް ވާހަކައެއް އެތައް މީޑިއާއަކުން މިހާރު އަންނަނީ ގެނެސްދެމުންނެވެ.

އޭގެ ތެރެއިން އެއް ވާހަކަ އަކީ ބޭބެ ވިލިއަމް، ހެރީއާ އަނިޔާ އަށް ކުރައްވައި މާރާމާރީ ހިންގެވި ވާހަކަ އެވެ. ހެރީ ވިދާޅުވެފައިވާ ގޮތުގައި 2019 ގެ ތެރޭގައި މޭގަންއާ ގުޅޭ ގޮތުން ދެބޭންގެ މެދުގައި ހިނގި ޒުވާބުގަނޑެއްގެ ތެރޭގައި ވިލިއަމް އޭނަގެ ގައިކޮޅަށް އަތްލައްވައި މާރާމާރީ ހިންގެވި އެވެ. އެ ދުވަހު މޭގަން އަށް ރައްދުކުރައްވައި ނޭދެވޭ އެތައް ލަފުޒުތަކެއް ވެސް ބޭނުން ކުރެއްވި ކަމަށް ހެރީ ވިދާޅުވި އެވެ.

"އެ ދުވަހު ބޭބެ އަހަރެންގެ ގިރުވާނުގައި ހިފައި ކަރުގައި އޮތް ޗޭނުގަނޑު ވެސް ދަމައިގަތް. އަދި އަހަރެން ބިންމައްޗަށް ވެސް ވައްޓާލައި އަނިޔާކުރި،" ހެރީ ވިދާޅުވެފައިވެ އެވެ. "އަދި އެހެން ނަހަދާށޭ ބުނީމަ އެކަމަށް އިޖާބައެއް ވެސް ނުދޭ. އަހަންނަށް ވެއްޓުނު ގޮތަށް އެތައް އިރެއް ވަންދެން ނުތެދުވެވި އޮންނަން ވެސް ޖެހުނު."

އޭނަ ވިދާޅުވީ ކެންސިންޓަން ޕެލަސްގެ ނޮޓިންހަމް ކޮޓެޖްގައި މާރާމާރީ ހިންގެވުމަށް ފަހު، ވިލިއަމް ވަޑައިގަތީ އެވެ. އެކަމަކު ފަހުން އަނެއްކާ އެނބުރި ވަޑައިގެން މައާފަށް އެދިވަޑައިގަތް ކަމަށް ވެސް ހެރީ ވިދާޅުވެފައިވެ އެވެ.

އޭނަ ވިދާޅުވެފައިވާ ގޮތުގައި ޝާހީ އާއިލާ ދޫކޮށްލައްވައި އަނބިކަނބަލުންނާ އެކީ 2020 ގެ ކުރީކޮޅު އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރެއްވީ މިފަަދަ އެތައް ކަމަކާ ހެދި އެވެ. އެކަމަކު އާއިލާ ތެރޭގައި މައްސަލަތައް ޖެހި، އާއިލާ ގުޅުންތަކަށް ބުރޫ އެރުމަކީ ބޭނުންވެވަޑައިގަތް ގޮތެއް ނޫން ކަމަށް ހެރީ ވިދާޅުވެފައިވެ އެވެ.

އޭނަ ވިދާޅުވީ އެމެރިކާ އަށް ދިރިއުޅުން ބަދަލުރެއްވި ފަހުން ކުރިއެކޭ އެއްގޮތަށް އަމިއްލަ އާއިލާއާ ބައްދަލުކުރެއްވުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މާމާފުޅު އެލިޒަބަތު ދޭއް އަވަހަރާވެގެން ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވަން ކުރެއްވި ދަތުރުގަ އެވެ. އެ ދަތުރުގައި ބައްޕާފުޅު އަދި މިހާރުގެ ރަސްގެފާނު ޗާލްސް ދެބެއިންނާ ބައްދަލުކުރައްވައި، ނަސޭހަތްތަކެއް ވެސް ދެއްވި އެވެ. އެ ނަސޭހަތުގެ ތެރެއިން އެއް ވާހަކަ އަކީ އުމުރުން ދުވަސްވެފައި ހުންނެވި ޗާލްސް ހިތްދަތިވާ ކަހަލަ ކަންކަން ދަރިންގެ ފަރާތްޕުޅުން ފެނިވަޑައިގަތުމަށް ރުހިވަޑައިނުގްނަވާ ވާހަކަ އެވެ.

ޕެންގްއިން ރޭންޑަމް ހައުސްގެ ތައްގަނޑުގައި ނެރޭ ހެރީގެ "ސްޕެއާ" ގައި މިފަދަ އެތައް ވާހަކައެއް އެބަހުއްޓެވެ. އެހެންވެ ގިނަ ބަޔަކު އިންތިޒާރުކުރަނީ ފޮތް ނެރޭނެ އިރަކަށެވެ.

މި ފޮތުފެ ސޮފުތާތަކެއްގައި ހެރީ ވަނީ މަސްތުވާކެތި ވެސް ބޭނުންކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އުމުރުން 17 އަހަރުގައި ކޮކެއިން ބޭނުންކުރެއްވި ކަމަށާއި އެކަމަކު އެއީ އަމިއްލަފުޅަށް ބޭނުންވެގެން ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެ އެެވެ.

ޕްރިންްސް ހެރީ އާއި ވިލިއަމަކީ ޗާލްސް އާއި ޕްރިންސެސް ޑަޔާނާގެ ދެ ދަރިލަކުންނެވެ. ޑަޔާނާ ވަނީ 1997 ގައި ފްރާންސްގައި ކާރު އެކްސިޑެންޓެއްގައި އަވަހާރަވެފަ އެވެ. ހެރީގެ "ސްޕެއާ" ގައި ދޮންމަންމާފުޅު ކެމީލާ އާއި ޗާލްސްގެ ގުޅުމާ ބެހޭ ވެސް ގިނަ ވާހަކަތަކެއް ލިޔުއްވާފައިވެ އެވެ.