ދެހާސް ވިހިން ފެށިގެން އެކި ފަހަރު މަތިން ރިލީޒްކުރާ ތާރީހު ފަސްކުރަމުން އައި އަޖޭ ދޭވްގަންގެ ފިލްމު "މައިދާން" އަށް އަނެއްކާ ވެސް އާ ތާރީހެއް ހަމަޖައްސައިފި އެވެ.
މިހާރު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މެއި 12 ގަ އެވެ. "މައިދާން" އަކީ އިންޑިއާގެ މި ޒަމާނުގެ ފުޓްބޯޅައިގެ ބައްޕަ، ކޯޗް ސައީދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާއެކެވެ. ދެހާސް އެކާވީހުގައި ޝޫޓިން ނިންމުމަށް ފަހު، ޕޯސްޓް ޕްރޮޑަކްޝަންގެ ތެރެއިން އަދިވެސް ވީއެފްއެކްސް މަސައްކަތްތައް ކުރިއަށްދާ މި ފިލްމަކީ 2018 ގެ ކާމިޔާބު ފިލްމު "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.
"މައިދާން" ޕްރޮޑިއުސްކުރަނީ ތަރިން ކަމަށްވާ އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ ބައްޕަ ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެންނެވެ. ބޯނީ ބުނެފައިވާ ގޮތުގައި މި ފިލްމަކީ މިހާތަނަށް ބެލުންތެރިންނާ ހަމައަށް އަންނާނެ އަޖޭގެ އެންމެ މޮޅު ފިލްމަށް ވާނެ އެވެ.
ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ކާމިޔާބު އެކްޓަރު ވެސް ބުނެފައި ވަނީ "މައިދާން" އަކީ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތް ކަމަށެވެ.
ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން މިއުޒިކް ހަދާފައިވާ ފިލްމުގެ ކާސްޓްގައި ޕްރިޔަމަނީ، ގަޖްރާޖް ރާއޯ، އަރިއަން ބޯމިކް އަދި ރުދުރަނިލް ގޯޝް ހިމެނެ އެވެ.
"މައިދާން" އަކީ މި އަހަރު ރިލީޒްވާނެ އަޖޭގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޑައިރެޓްކޮށް، ކުޅެފައިވާ ހަތަރު ވަނަ ފިލްމު އަދި މާޗް 30 އަށް ތާވަލުކޮށްފައި އޮތް "ބޯލާ" އެވެ.
ދެ ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރުގެ ފަސް ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ "ގަންގޫބާއީ ކަތިއަވާޅީ" އާއި "އާރްއާރްއާރް" އާއި "ރަންވޭ 34" އާއި "ތޭންކް ގޯޑް" ގެ އިތުރުން "ދުރިޝަމް 2" އެވެ.