Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ހަ އަހަރުގެ ކުއްޖަކު ޓީޗަރެއްގެ ގަޔަށް ބަޑި ޖަހައިފި

އެމެރިކާގެ ސްކޫލެއްގެ ޓީޗަރެއްގެ ގަޔަށް އެންމެ ހަ އަހަރުގެ ކުއްޖަކު ބަޑި ޖެހި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިއަދު ވާޖިނިއާގެ ނިއުޕޯޓް ނިއުސްގެ އިލެމެންޓްރީ ސްކޫލެއްގަ އެވެ. އެގޮތުން އެތަނުގެ ރިޗްނެކް އިލެމެންޓްރީ ސްކޫލްގައި ޓީޗަރާއި ދަރިވަރާ ދެމެދު އުފެދުނު ހިތްހަމަނުޖެހުންތަކެއްގެ ތެރޭގައި ދަރިވަރު އަންހެން ޓީޗަރުގެ ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްފައިވެ އެވެ.

އުމުރުން 30 އަހަރުތައް ގުނަމުންދާ ޓީޗަރަށް ދިން ހަމަލާގައި ވަނީ ސީރިއަސް ގެއްލުންތަކެއްވެފަ އެވެ. އަދި އޭނާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، ހާލު ގޯސް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް އެންމެ ހަ އަހަރުގެ ކުއްޖަކަށް ބަޑިއެއް ލިބުނު ގޮތެއް މިހާތަނަކަށް އަދި ސާފެއް ނުވެ އެވެ. އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ މިހާރު އަންނަނީ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ.

ދަރިވަރަކު ޓީޗަރުގެ ގަޔަށް ބަޑި ޖެހި ސްކޫލަކީ 550 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ތަނެކެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައ ރިޗްނެކް އިލެމެންޓްރީ ސްކޫލްގެ ދަރިވަރަކު ބަޑިއެއް ގެންގުޅުނު އިރު، އެތަނަކީ އެފަދަ އާލާތްތައް ޑިޓެކްޓްކުރެވޭ ފެސިލިޓީތަކެއް ވެސް ހުރި ތަނެކެވެ. އެކަމަކ އެފަދަ ޗެކިންތައް ކުރިއަށް ގެންދަނީ ދޭތެރެ ދޭތެރެއިންނެވެ.

އެމެރިކާގެ ސްކޫލްތަކުގައި ބަޑީގެ ހާދިސާތައް ހިނގުމަކީ ފަހަކަށް އައިސް ވަރަށް އާންމުވެފައިވާ މައްސަލައެކެވެ.