Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ރަނގަޅު ވެރިކަން ގުޅެނީ މީހުން މެނޭޖްކުރެވުމާ

ރަނގަޅު ވެރިކަމެއް ކުރެވޭނީ އެންމެ މޮޅަށް މީހުން މެނޭޖްކުރެވޭ ކަހަލަ ބޭފުޅުންނަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހުން ގެންގުޅެން އެނގުމަކީ ކަންކަން ކުރަން ރަނގަޅަށް އެނގޭ މީހުން ކަމަށެވެ. އިމްރާން މި މޭރުމުން ޓްވީޓްކުރެއްވީ ރައީސް ސޯލިހުގެ ވެރިކަމުގައި ކޯލިޝަނުން ނުރޫޅި ކުރިއަށްދާތީ އާއި ކޯލިޝަން ދެމެހެއްޓުމަށް ރައީސް ކުުރައްވަމުން ގެންދަވާ މަސައްކަތަކަށް އިޝާރާތް ކުރައްވައި ކަމަށް ގަބޫލުކުރެވެ އެވެ.

ރައީސް މިހާރު ގެންދަވަނީ ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމަށް މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ބާއްވާ ޕްރައިމަރީ އަށް ކެމްޕޭން ކުރައްވަމުންނެވެ.

"އެންމެ ރަނގަޅަށް ވެރިކަމެއް ކުރެވޭނީ އެންމެ މޮޅަށް މީހުން މެނޭޖްކުރެވޭ މީހަކަށްކަމީ ޒަމާނުއްސުރެ އިންސާނުން ގަބޫލު ކުރަމުން އަންނަ ހަގީގަތެއް." އިމްރާން ވިދާޅުވި އެވެ.

ރައީސް ވިދާޅުވަމުން ގެންދަވަނީ ޕްރައިމަރީ ކާމިޔާބުކޮށް، ރިޔާސީ އިންތިހާބު ވެސް އެ މަނިކުފާނަށް ކާމިޔާބުކުރެއްވޭނެ ކަމަށެވެ. އަދި އެމްޑީޕީ އަށް އަނެއްކާ ވެސް ވެރިކަން ލިބެން އޮތީ އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިގެން ކަމަށްވާތީ ޕްރައިމަރީގައި ޕާޓީގެ މެމްބަރުން ވޯޓް ދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ. އޭގައި ރައީސާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.