އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ، އަލް އަޤްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަތް މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 3 ޖެނުއަރީ 2023 ވަނަ ދުވަހު އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ، އަލް އަޤްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެފައިވަނީ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި ޤާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށެވެ. މި އަމަލުގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވެގެން ހިނގައިދާނެކަމަކަށް ވާތީ އެކަން ކުށްވެރިކުރާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި މައްސަލައިގައި އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އދ.ގައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން ބައިވެރިވަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ އޯ.އައި.ސީ.އިންނާއި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައެއް މެންބަރުންގެ އިސްނެގުމުގެ މަތީން 5 ޖެނުއަރީގައި ސަލާމަތީ މަޖިލީހުގެ އިމަރޖަންސީ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި އޯ.އައި.ސީ.ގެ ސްޓޭޓްމަންޓެއް މި ބައްދަލުވުމުގައި ދީފައިވާ ކަމަށެވެ. މީގެ އިތުރުން، ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު މެދިއިރުމަތީގެ ހާލަތާ ބެހޭގޮތުން ޑިބޭޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މި ޑިބޭޓުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ވާހަކަދައްކާނެ ކަމަށެވެ.
"އިޒްރޭލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް، ފަލަސްތީނު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް، ދިވެހިރާއްޖެއިން އަބަދުވެސް އަންނަނީ ވަކާލާތުކުރަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމުގައި ރާއްޖެއިން އަބަދުވެސް ފަސްނުޖެހި ކުރިއަށްދާނެއެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ފަލަސްތީން ރައްޔިތުންގެ ދިފާއުގައި އަދި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުން އަންނަ ކަންކަމާއި ދެކޮޅަށް ރައްޖެއިން އަންނަނީ އަޑުއުފުލަމުންނެވެ. ހާއްސަކޮށް ރައީސް ސޯލިހްގެ ވެރިކަމުގައި ފަލަސްތީނު ރައްޔިތުންގެ ދިފާއުގައި ރާއްޖެއިން އ.ދ. ގައި އެކި ފަހަރުމަތިން ވާހަކަ ދައްކާފައިވެއެވެ.