Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

ހަށިވިއްކުން ރާއްޖޭގައި މިހާރު ވަރަށް ފުޅާވެއްޖެ

މަސާޖް ޕާލާގެ ނަމުގައި ރާއްޖޭގައި މިހާރު އިޝްތިހާރުކޮށްގެން ހަށިވިއްކުން މީގެ ކުރިން ކުރިއަށް ނުގެންދާ ވަރަށް ކުރިއަށް ގެންދާ ކަމަށް ބުނެ ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސަލަފް ޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރު ކުރި ޓްވީޓެއްގައި ބުނީ މިހާ ފާޅުކަން ބޮޑުކޮށް، އިޝްތިހާރުކޮށްގެން ހަށިވިއްކުން ރާއްޖޭގައި ކުރިއަށް ގެންދާ ދުވަސްރެއް މި ނޫނީ ރާއްޖެ ނުދެކޭ ކަމަށެވެ.

"އެއްވެސް ބިރެއް ޖެހިލުމެއް ނެތި މިހާ ފާޅުކަން ބޮޑުކޮށް، މަސާޖް ޕާލާގެ ނަމުގައި ނާސި އަންހެނުން ހަށިވިއްކުމާއި ފާހިޝް ކަންކަން އިއުލާންކޮށް އިޝްތިހާރުކޮށްގެން ކުރިއަށް ގެންދިޔަ ދުވަސްވަރެއް މި ނޫނީ ރާއްޖެ ދެކެފައެއް ނެތް." އަލީ ރަމީޒް ވިދާޅުވި އެވެ.

ރާއްޖޭގައި ވަރަށް ފުޅާކޮށް ހަށިވިއްކާކަމީ ގިނަ ބަޔަކު ދަންނަ ބޮޑު ސިއްރެކެވެ. ހާއްސަކޮށް ވެރިރަށް މާލެ އާއި މިހާރު ހުޅުމާލޭގައި ވެސް މި ވިޔަފާރި ފުޅާކޮށް ކުރާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ހަށިވިއްކާ ތަންތަން އިޝްތިހާރުކޮށްގެން ފާޅުކޮށް މިހާރު ހިންގާތީ ދާދި ފަހުން ޝައިހް އަލީ ޒައިދު ވެސް ކަންބޮޑުވުން ފާޅުކުރައްވައި މިކަން ހުއްޓުވަން ސަރުކާރުން މަސައްކަތް ނުކޮށް ދެ އަތް އުރާލައިގެން އޮތުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވެސް މިކަން ނުހުއްޓިވިގެން އުޅޭ ސަބަބުން ފުލުހުން ސާފުކޮށް ދެއްވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ހަފުތާގައި ފުލުހުން ބުނި ގޮތުގައި ހަށިވިއްކުމުގެ މައްސަލަތަކުގައި ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.