ކަލާޒް އިން އަނެއްކާ ވެސް ލޯބީގެ ވަރަށް ތަފާތު ވާހަކައެއް ކިޔައިދޭ ސިލްސިލާއެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ. މީގެ ނަމަކީ "އިޝްގް މޭ ގާޔަލް" އެވެ. މިއީ ސުޕަނެޗްރަލް ސިލްސިލާއެކެވެ. ތިނެސްކަން ލޯބީގެ ވާހަކައެއް ދައްކުވައިދޭނެ މި ސިލްސިލާގެ އެންމެ ހާއްސަ ކަމަކަށް ވާނީ ލޯތްބާއި ހައިވާނުންގެ ވާހަކަ ފެނިގެން ދިއުމެވެ.
"އިޝްގް މޭ ގާޔަލް" ގެ ޕްރޮމޯ ވެސް މިހާރު އަންނަނީ ދައްކަމުންނެވެ. މީގެ ބަތަލުން ކަމަށްވާ ގަޝްމީރް މަހާޖަނާއި ކަރަން ކުންދުރާގެ ކެރެކްޓާތައް ހައިވާނުންނަށް ބަދަލުވާތަން ޕްރޮމޯ އިން ދައްކުވައި ދެ އެވެ. ސިލްސިލާގެ ބަތަލާ އަކީ ރީމް ޝައިހެވެ.
ގަޝްމީރަކީ ސްޓާ ޕްލަސްގެ ސިލްސިލާ "އިމްލީ" ގެ ކުރީގެ ބަތަލެވެ. ފަހުން އޭނަ އެ ސިލްސިލާ އިން ވަކިވެ، މިދިޔަ އަހަރު ކަލާޒްގެ ޑާންސް ޝޯ، "ޖަލަކް ދިކްލާ ޖާ" ސީޒަން 10 ގައި ވާދަކުރި އެވެ. ކުރިން ވެސް ސިލްސިލާތަކެއް ކުޅެފައިވާ ކަރަން އަކީ "ބިގް ބޮސް 15" ގައި ވާދަކުރި ބައިވެރިއެކެވެ.
ރީމްގެ އެންމެ ފަހުގެ ސިލްސިލާ އަކީ މިދިޔަ އަހަރު ކަލާޒް އިން ގެނެސްދިން "ފަނާ: އިޝްގް މޭ މަރްޖާވާ" އެވެ.
"އިޝްގް މޭ ގާޔަލް" ގެ ޕްރޮމޯ ދައްކަމުން ދިޔަ ނަމަވެސް ސިލްސިލާ ޕްރިމިއާކުރާނެ ތާރީހެއް އަދި ކަލާޒް އިން އިއުލާނެއް ނުކުރެ އެވެ.