Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ގްލޭޑިއޭޓާ" ގެ ސީކްއެލް އަށް މެސްކަލް

ޑައިރެކްޓަރު ރިޑްލީ ސްކޮޓް މީގެ 23 އަހަރު ކުރިން އެކްޓަރު ރަސަލް ކްރޯއާ އެކީ ގެނެސްދިން ކާމިޔާބު ފިލްމު "ގްލޭޑިއޭޓާ" ގެ ސީކްއެލްއެއް ހަދަން އިއުލާންކުރިތާ ހަތަރު އަހަރު ފަހުން އޭގެ ކާސްޓަށް ތަރިއަކު ނަގައިފި އެވެ.

އެގޮތުން ފިލްމުގެ މައިގަނޑު އެއް ރޯލަށް ނަގާފައި ވަނީ 26 އަހަރުގެ އެކްޓަރު ޕޯލް މެސްކަލް އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ މިއުޒިކަލް ޑްރާމާ "ކާމޭން" އެވެ. ޕޯލް "ގްލޭޑިއޭޓާ" ގެ ސީކްއެލް އަށް ނެގި އިރު، އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ފޯއީ" އާއި "ސްޓްރޭންޖާސް" ހިމެނެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ގްލޭޑިއޭޓާ" ގެ ދެވަނަ ބައިގައި މެސްކަލް ކުޅޭނީ އޮރިޖިނަލްގައި ކޮނީ ނީލްސެން ކުޅުނު ލޫޝިލާގެ ދަރިފުޅު ލޫސިއަސްގެ ރޯލެވެ. އާ ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ޑޭވިޑް ސްކާޕާ އެވެ.

މި ފިލްމުން އޮރިޖިނަލްގެ ބަތަލު ރަސަލް ނުފެންނާނެ އެވެ. ސަބަބަކީ 2000 ވަނަ އަހަރު ރިލީޒްކުރި ފިލްމުގައި އޭނަ ކުޅުނު މެކްސިމަސްގެ ކެރެކްޓާ މަރުވެފައިވުމެވެ.

"ގްލޭޑިއޭޓާ" އަކީ ބޮކްސް އޮފީހުގައި 460.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ޑްރީމް ވޯކްސް އާއި ޔުނިވާސަލް ޕިކްޗާޒުން ޑިސްޓްރިބިއުޓް ކުރި ފިލްމު ހަދަން ހަރަދު ކުރީ 103 މިލިއަން ޑޮލަރެވެ.

"ގްލޭޑިއޭޓާ" އަށް 73 ވަނަ އޮސްކާ އެވޯޑްގައި އެންމެ މޮޅު ފިލްމު، އެންމެ މޮޅު އެކްޓަރު (ރަސަލް)، އެންމެ މޮޅު ވިޝުއަލް އިފެކްޓްސް، އެންމެ މޮޅު ކޮސްޓިއުމް އަދި އެންމެ މޮޅު ސައުންޑް މިކްސިންގެ އޮސްކާ ވެސް ލިބިފައިވެ އެވެ. މީގެ އިތުރުން 58 ވަނަ ގޯލްޑެން ގްލޯބްސްގެ ދެ އެވޯޑަކާއި ހަތަރު ބަފްޓާ އެވޯޑް ވެސް ލިބިފައިވެ އެވެ.

"ގްލޭޑިއޭޓާ" ގެ ސީކްއެލްގެ ކުރިން މީގެ ޑައިރެކްޓަރު ސްކޮޓް "ނެޕޯލިއަން" ކިޔާ ފިލްމެއް މި އަހަރު ގެނެސްދޭނެ އެވެ. އެޕަލް ސްޓޫޑިއޯސްއާ ގުޅިގެން ހަދާ ތާރީހީ ފިލްމުގެ ކާސްޓުންނަކީ ޖޯކީން ފީނިކްސް އާއި ވަނެސާ ކާބީގެ އިތުރުން ތަހާރް ރަހީމެވެ.