Last Updated: June 9, 17:29
Tuesday, June 9, 2026
ޚަބަރު

ޗައިނާއަށް އެއްޗެހި ގޮވުން ހުއްޓާލަން ޖެހޭ: ޝަރީފު

މެންބަރު އިބްރާހިމް ޝަރީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބައެއް ސިޔާސީ ލީޑަރުން ސިޔާސީ ބޭނުމަކަށް ޗައިނާއާ ދިމާލަށް އެއްޗެތި ގޮވާގޮވުން ހުއްޓާލަންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގެ މާކެޓް ހުޅުވި މި މަހު 18 ގައި ރާއްޖެއަށް ޗައިނާގެ ފަތުރުވެރިން އަންނަން ފަށާނެ ކަމަށެވެ.

ޗައިނާގެ ފަތުރުވެރިންނާއެކު ރާއްޖޭގެ އިގްތިސާދަށް އާ ދިރުމެއް އަންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިގްތިސާދީ ކުރިއެރުން ހަލުވި ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ބައެއް ސިޔާސީ ލީޑަރުން ޗައިނާއާ ދިމާލަށް، ސިޔާސީ ބޭނުމަށް އެއްޗެތި ގޮވުން ހުއްޓާލަން އެބަޖެހޭ." ޝަރީފުގެ ޓްވީޓުގައިވެއެވެ.

ޗައިނާއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރު އިދިކޮޅުގައި އޮތް މިހާރުގެ ވެރިކަން ކުރާ ކޯލިޝަންގެ ފަރާތުންނެވެ. އަދި ސަރުކާރު ބަދަލުވުމަށްފަހު ޗައިނާގެ ދަރަނި ކުޑަނުކުރާ މައްސަލައިގައި އަދި ޗައިނާއަށް ބޮޑު ދަރަންޏެއް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިނުދޭތީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފާޑުކިޔުން ޗައިނާއަށް އަމާޒުވެއެވެ.